twitterviber whatsapp telegramfacebookyoutube instagram
18th May 2025

ފުރަތަމަ ފަހަރަށް 24 ގަޑިއިރުގެ ލައިވް ޗެޓްގެ ހިދުމަތް ދިރާގުން ތައާރަފްކޮށްފި

Feb 11, 2016

ފުރަތަމަ ފަހަރަށް ރާއްޖޭގައި ލައިވް ޗެޓްގެ ހިދުމަތް ދިރާގުން ތައާރަފް ކޮށްފި އެވެ.

އޮންލައިން ލައިވްޗެޓްގެ ހިދުމަތް ތައާރަފްކޮށް ކަސްޓަމަރުންނަށް ވަގުތުން ދިރާގު ކަސްޓަމަރ ސާރވިސް އެޖެންޓުންނާއި މުއާމަލާތް ކުރެވޭނެގޮތް ނިންމަވާފައިވާކަން އިއުލާން ކޮށްފައިވަނީ އިއްޔެ ދިރާގު ހެޑްއޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައެވެ.

އެގޮތުން މި ހިދުމަތަކީ މިހާރު ދިރާގުން ދެމުންގެންދާ 123 ގެ ހިދުމަތް ޒަމާނީ ގޮތަކަށް، އޮންލައިންކޮށް ދިރާގުގެ މުވައްޒަފަކާ ‘ޗެޓް’ ކޮށްލައިގެން އެ ކަސްޓަމަރެއް ބޭނުންފުޅުވާ ހިދުމަތެއް ނުވަތަ އެނޫންވެސް ދިރާގާއި ގުޅުންހުރި ކަމެއް ހައްލުކޮށް ނުވަތަ ސުވާލެއް އޮޅުން ފިލުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމަށްޓަކައި ދިރާގު ވެބްސައިޓުގައި ގާއިމުކުރެވިފައިވާ ހިދުމަތެއް ކަމަށާއި އިނގިރޭސި ނުވަތަ ދިވެހިބަހުން (ލެޓިންއިން) ކަމުގައި ވީނަމަވެސް ދިރާގު ކޮންޓެކްޓް ސެންޓަރުގެ މުވައްޒަފުން ކަސްޓަމަރުންނާއި މުއާމަލާތް ކުރެވޭނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި ހިދުމަތް ހަފްތާގެ 7 ދުވަހު 24 ގަޑިއިރުދިނުމަށް ނިންމަވާފައިވާއިރު މިއީ ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް ކަމަށާއި މި ހިދުމަތުގެ ސަބަބުން ދިރާގުގެ ކަސްޓަމަރ ސާވިސް އިތުރަށް ފުޅާވެ، ކަސްޓަމަރުންނަށްވެސް އެބޭފުޅުން ބޭނުންވާ ކަންކަން ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުގެ ކުޅުދުއްފުށީ އޮފީހާއި މާލޭގައި ހުންނަ ހެޑްއޮފީސް މެދުވެރިކޮށްވެސް މި ހިދުމަތް ދެމުންގެންދާނެ ކަމަށާއި މިކަމަށް ގާބިލް މުވައްޒަފުން މިހާރު ވާނީ ތަމްރީންކޮށްފަ ކަމަށްވެސް ދިރާގުން މައުލޫމާތު ދެއެވެ.

މި ހިދުމަތް ބޭނުންކުރެއްވުމަށް ދިރާގުގެ ވެބްސައިޓުގެ ހޯމްޕޭޖުގެ މަތީގައިވާ ‘ލައިވްޗެޓް’ އަށް ފިތާލުމަށް ފަހު ނަމާއި އީމެއިލް އެޑްރެސް ޖެއްސެވުމުން، އެ ވަގުތު ޑިއުޓީގައި އިންނަ ކަސްޓަމަރ ސާވިސް ރެޕްރެސެންޓޭޓިވްއެއް ޖަވާބުދޭނެއެވެ. އަދި އެ މުއައްޒަފަކާއި ދިވެހިބަހުން އަދި އިނގިރޭސިން ބަހުންވެސް މުއާމަލާތުކޮށްގެން އެ ކަސްޓަމަރަކު ބޭނުންވާ މައުލޫމާތެއް ލިބިގަނެވޭނެއެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355