ށ. ނޫމަރާގައި ވަޅި ހަރައި މަރާލާފައި އޮއްވައި ފެނުނު ހަތަރު އަހަރުގެ އަންހެންކުއްޖާގެ ހަށިގަނޑު ތަހްޤީގަށް ކުޅުދުއްފުއްޓަށް ގެނެސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިގޮތުގައި އެކުއްޖާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ ތަހްޤީގަށް ބަލަން ޖެހޭ އިތުރު ބެލުންތަކެއް ބެލުމަށް ކަމަށެވެ. ބަލަންޖެހޭ ކަންތައް ބެލުމަށް ފަހު އެހަށިގަނޑު ވީހާވެސް އަވަކަށް ކުޅުދުއްފުށީގައި ވަޅުލުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކުއްޖާގެ ހަށިގަނޑު ކުޅުދުއްފުއްޓަށް ގެނެސްފައިވަނީ މިއަދު މެންދުރު ފަހު އެވެ. އެ ހަށިގަނޑު މިހާރު އޮތީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގަ އެވެ.
އެކުއްޖާގެ މަރުގެ މައްސަލައިގައި މިހާރު ވަނީ 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފަ އެވެ.އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރީ ކުއްޖާގެ މަންމަ ޝަހީދާ އަލީ އެވެ.
ނޫމަރާގައި ކުއްޖަކު މަރާލި މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ ރޭ ފަތިހު 5:40 ހާއިރު އެވެ.