ކުޅުދުއްފުށި ޕޮލިސްޓޭޝަނާއި ކައުންސިލުން ގުޅިގެން މި މަހުގެ 1 ން 10 ގެ ނިޔަލަށް ހިންގުނު ވޮލީ ކޯޗިން ކޭމްޕު ނިމި ބައިވެރިންނަށް ރޭ ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ރޭ ކުޅުދުއްފުށި ރަށު ކައުންސިލް އިދާރާގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހދ އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާތިފް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަހުމަދު އާތިފް ވިދާޅުވީ ކުޅުދުއްފުށީގައި ކުޅިވަރުގެ ހަރަކާތްތައް ކުރިޔަށް ނުދާކަން ފާހަގަ ކުރެވޭ ކަމަށާއި އާންމުގޮތެއްގައި މި ފެންނަނީ ފުޓްބޯޅަ ކުޅޭތަން ނަމަވެސް ވޮލީގެ ކުޅިވަރުގެ ހަރަކާތް ނިސްބަަތުން ދަށް ކަމަށެވެ.
ރަށުގައި ވޮލީ ކުޅެވޭނެ އެކަށޭނަ ވަސީލަތްތައް ގާއިމް ކުރެވިފައި ނުވާކަން ގާބޫލު ކުރާކަމަށާއި ނަމަވެސް ފުރަތަމަ މި ވަސީލަތްތައް ރަށުގައި ގާއިމު ކުރަން އެބަޖެހޭކަން ސާބިތުކުރަން ޖެހޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ވޮލީއާމެދު ރައްޔިތުންގެ ފުރިހަމަ އެއްބާރުލުންދިނުމުން ކައުންސިލުތަކުންވެސް މި ކަމަށް އެއްބާރުލުން ލިބި މި ކަންކަން ގާއިމު ވެގެން ދިޔުމަށް އިތުރަށް ފަސޭހަވެގެން ދާނެ ކަމަށް އާތިފް ވިދާޅުވި އެވެ.
ނިމިގެންދިޔަ ކޯޗިންގް ކޭމްޕުގެ ސަބަބުން ވޮލީއަށް ބިންގަލެއް އެޅިގެން ދިޔަ ކަަމަށް އުންމީދު ކުރައްވާ ކަމަށާއި މި އުންމީދު އެގޮތުގެ ބާއްވައިދީ ވޮލީއަށް އެއްބާރުލުން ދިނުމަށް އާތިފް ވަނީ ވިދާޅުވެފައިއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި ކޭމްޕުގައި ބައިވެރިންނަށް ކޯޗުކަން ކޮށްދެއްވި ކޯޗުންނަށް ވަނީ ބައިވެރިންގެ ފަރާތުން ހަދާނީ ފިލައެއް ހަދިޔާކޮށްފައިއެވެ.
އަންހެނުންނަށް ހާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މި ކޯޗިން ކޭމްޕުގައި ޖުމްލަ 35 ފަރާތެއް ވަނީ ބައިވެރިވެ ސެޓްފިކެޓް ހޯދާފައިއެވެ.