twitterviber whatsapp telegramfacebookyoutube instagram
28th March 2024

ފޯނެއް ވަގަށް ނެގި ކުޅުދުއްފުށީ މީހަކު 4 މަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

Feb 16, 2016

ނޮކިޔާ ބްރޭންޑްގެ ފޯނެއް ވަގަށްނެގި ކުޅުދުއްފުށީ މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 4 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ވައްކަމުގެ ކުށް ސާބިތުވުމާ ހުކުމްކޮށްފައިވަނީ ހދ. ކުޅުދުއްފުށި، ވައްލަގެ، އަބްދުﷲ އަބްދުއްރަހްމާން (27އ) ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން އުފުލާފަވަނީ، 2014 މެއި 26 ވަނަ ދުވަހުގެ 03:00 ހާއިރު މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށްޓަށް ދަތުރުކުރަމުންދިޔަ ބޯޓެއްގައި ނިދަން އޮތް މީހެއްގެ ފޯން ވަގަން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.

ދައުލަތުން އުފުލާފައިވާ ދައުވާއަށް ދައުވާ ރައްދުވާ އަބްދުﷲ އަބްދުއްރަހުމާން  އިންކާރުކޮށްފައިވާތީ، މިދައުވާ ސާބިތު ކުރުމަށް ދައުލަތުން ވަނީ ހެކީން ހުށަހަޅާފައެވެ. މީގެ އިތުރުން،އަބްދުﷲ އަބްދުއްރަހުމާން ތަހުޤީޤުގައި ދީފައިވާ ބަޔާން ޤަރީނާއެއްގެ ގޮތުގައި ވަނީ ހުށަހަޅާފައެވެ.

ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހަށް ބެލުމަށްފަހު ކޯޓުގެ ގަޒިއްޔާގައި ބުނެފައިވަނީ އަބްދުﷲ އަބްދުއްރަހްމާން ވައްކަމުގެ އަމަލު ހިންގި އިރު އަމަލުތައް ހުރިގޮތަކީ ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ މައްޗަށް ބާރުލިބޭ ކަމެއްކަމަށާއި އަދި  އޭނާގެ އެ އަމަލުތައް އެގޮތަށް ބަހައްޓަންޖެހުނީ ކީއްވެގެންކަން އޭނާ ޝަރީއަތަށް އެކަށީގެންވާ ގޮތެއްގައި ބަޔާންކޮށްދީފައި ނުވާކަމަށެވެ.

އަދި މިހާލަތުގައި އޭނާގެ އަމަލުތަކުގެ ސަބަބު މަދަނީ މިންގަނޑަށް ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން ހަގީގަތެއް ސާބިތުވެއްޖަކަމަށް ބެލޭނެ ގޮތްތަކަށާއި ހުށަހެޅިފައިވާ ދައުވާގައި ބަޔާންކޮށްފައިވާ ގޮތުގެ މައްޗަށް ބަލައި ވިސްނާއިރު ފޯނު ވަގަށް ނަގާފައިވަނީ އަބްދުﷲ އަބްދުއްރަޙހްމާންކަން ޝަރީއަތަށް ގަބޫލު ކުރެވޭކަމަށްވެސް ގަޒިއްޔާގައި ވެއެވެ.

މި ވައްކަމުގެ މައްސަލާގައި ދައުވާ ރައްދުވާ އަބްދުﷲ އަބްދުރަހްމާންގެ މައްޗަށް މީގެ ކުރިން ވައްކަމުގެ ކުށް ސާބިތުވެ ރެކޯޑް ކުރެވިފައި ނުވާކަންވެސް ގަޒިއްޔާގައި ފާހަގަކޮށްފައިވެއެވެ.

މި ވައްކަމުގެ ދައުވާ ބެލުމަށްފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މި ކުށުގެ ދައުވާ ހެކިންގެ ހެކިބަހުން ލިބޭ ޤަރީނާއިންނާއި މިއަމަލާ ގުޅިގެން އަބްދުﷲ އަބްދުއްރަހްމާން އަމަލުކުރިގޮތުން ޝަރީއަތަށް ސާބިތުވާތީ، ވައްކަންކުރުމުގެ ކުށުން އަބްދުﷲ އަބްދުއްރަހްމާން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން 4 މަހާއި 24 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355