އިލެކްޝަންސް ކޮމިޝަނުން ބާއްވާ ޑިމޮކްރަސީ ވީކްގެ ޓެލެކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ޑިމޮކްރަސީ ހަފްތާ މިއަހަރު ފާހަގަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ ހއ. ހޯރަފުށީގައެވެ.
ފެބްރުއަރީ މަހު 14 އިން 20 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ޑިމޮކްރަސީ އާއި ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވާ މައުލޫމާތު ފޯރުކޮށްދިނުމުގެ ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ޓެލެކޮމް ޕާރޓްނަރ ދިރާގުން ބުނެއެވެ.
އެގޮތުން ބަހުސް މުބާރާތްތަކާއި، ސްކޫލްތަކުގެ ދަރިވަރުންނާއި ކުދިބޮޑު އެންމެނަށް މިފަދަ މައުލޫމާތުތައް ހިއްސާ ކުރުމުގެ އެކި ހަރަކާތްތައް، މާލެ އާއި ހއ. ހޯރަފުށީގައި ކުރިޔަށް ގެންގޮސް ރާއްޖޭގެ ގިނަ ބަޔަކަށް މި މައުލޫމާތުތައް ފޯރުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.
މިއަދު ވެވުނު އެއްބަސްވުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ، “ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ފާހަގަ ކުރެވޭ ޑިމޮކްރަސީ ހަފްތާ މި ކުރިއަށް ގެންދެވެނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކީގަ ކަމަށެވެ. އެގޮތުން ޓެލެކޮމް ޕާޓްނަރެއްގެ ގޮތުގައި މިއަދު ރަސްމީ ސިފައެއްގައި ވެގެން މި ދިޔަ ދިރާގާއި، މީޑިޔާ ޕާޓްނަރު ޕީއެސްއެމްގެ އެހީތެރިކަން ފާހަގަ އަކުރަމް ފާހަގަކުރެއްވިއެވެ. އަދި ދިރާގަކީ މިހާ ފުޅާ ދާއިރާއެއްގައި ހިންގޭ މިފަދަ ބޮޑު ހަރަކާތެއްގެ ޓެލެކޮމް ޕާޓްނަރަކަށް އެންމެ އެކަށީގެންވާ ފަރާތް ކަމަށާއި މި ހަރަކާތުގައި ބޭނުންވާ ޓެލެކޮމްގެ ހުރިހާ ހިދުމަތެއް ދިރާގުގެ އެހީތެރިކަމާއެކު އަޅުގަނޑުމެންނަށް ލިބިގެންދިޔުމާއެކު ދިރާގަށް ވަނީ ހާއްސަ ޝުކުރެއް އަދާކޮށްފައިއެވެ.
ޑިމޮކްރަސީ ވީކްގައި ހޯރަފުށީ ރައްޔިތުންނަށް ޚާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާއިރު ގިނަ ހަރަކާތްތަކެއް ޓީވީއެމް އިން ވަގުތުން ދުރަށް ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.