ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ޑިމޮކްރެސީ ހަފްތާގައި ބައިވެރިވުމުގެ ގޮތުން ބައެއް މިނިވަން މުވައްސަސާތަކުގެ ވެރިން މިއަދު ހޯރަފުއްޓަށް ވަޑައިގެންފިއެވެ.
އެގޮތުން ޑިމޮކްރަސީ ހަފްތާއާއި ގުޅިގެން މިރޭ ބާއްވާ ހާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ހޯރަފުއްޓަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛާ އައިޝަތު ބިޝާމްއާއި ސިވިލް ސާރވިސް ކޮމިޝަންގެ ނައިބު ރައީސް ޖަމީލާ އަލީއާއި އިސްލާމިކް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ އެގްޒެކްޓީވް މުހައްމަދ ގުބާދު އަބޫބަކުރު ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު ރަޝީދު އިބްރާހިމްއާއި ޓީވީ މޯލްޑިވްސްގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް މުހައްމަދު ނިޔާޒް އަދި ސިވިލް ސާރވިސް ކޮމިޝަންގެ މެމްބަރު ޒަކަރިއްޔާ ހުސެއިން ވެސް ވަނީ މިރޭ ހޯރަފުށީ ބަނދަރު ސަރަހައްދުގައި ބޭއްވުމަށްހަމަޖެހިފައިވާ މިޖަލްސާގައި ބައިވެރިވުމަށް މިއަދު ހޯރަފުއްޓަށް ވަޑައިގެންނެވިއެވެ.
ޑިމޮކްރަސީ ހަފްތާއާއި ގުޅިގެން ރޭ ވަނީ ދައުލަތުގެ ގިނަ މުވައްސަސާތަކެއް ހިމެނޭ ގޮތަށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދެއްވުމަށް ސްޓޯލްތަކެއް ހުޅުވާފައިއެވެ. އަދި މީގެ އިތުރުން ކުޑަކުދިންގެ ހަވީރާއި ކުއިޒް މުބާރާތަކާއި މޫދު ކުޅިވަރާއި ބަހުސް މުބާރާތެއް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވެއެވެ.
އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދާ ޑިމޮކްރަސީ ހަފްތާގައި އިލެކްޝަންސް ކޮމިޝަނުން ހޯރަފުށީ ރައްޔިތުންނަށް ހާއްސަކޮށްގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަވާއިރު ގިނަ ހަރަކާތްތަކެއް ޓީވީއެމް އިން ވަގުތުން ދުރަށް ދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.