twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވައްކަމުގެ 2 މައްސަލައެއް ސާބިތުވެ ކުޅުދުއްފުށީ މީހަކު ޖަލަށް ލުމަށް ހުކުމްކޮށްފި

Feb 18, 2016

ވައްކަމުގެ 2 މައްސަލައެއްގެ ސާބިތުވެ، 1 އަހަރާއި 10 މަސްދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ވައްކަމުގެ ކުށް ސާބިތުވުމާ ގުޅިގެން ހުކުމްކޮށްފައިވަނީ ކުޅުދުއްފުށި ސީސަންވިލާ، އަލީ މުހައްމަދު (23އ) ގެ މައްޗަށެވެ. ޢަލީ މުޙައްމަދުގެ މައްޗަށް ދައުލަތުން އުފުލި މި ދެ ދައުވާ ބެލުމަށްފަހު ހުކުމްކޮށްފައިވަނީ 2016 ފެބްރުއަރީ 10 ވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ފުރަތަމަ ދައުވާ ދައުލަތުން އުފުލާފަވަނީ، 2013 މެއި 25 ވަނަ ދުވަހު ޢަލީ މުޙައްމަދު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ އަތުގައި އެހެންމީހެއްގެ ޑެބިޓް ކާޑެއް އޮއްވާ ފެނިފައިވާ މައްސަލާގައި ސުވާލުކުރުމުން، އެ ކާޑަކީ ވަގަށްނެގި ވޮލެޓެއްގެ ތެރޭގައި އޮތް ކާޑެއް ކަމަށާއި، އެ ވޮލެޓް އޮންނާނެތަންކަަމަށް އޭނާ ބުނި ތަނުގައި އެ ވޮލެޓް އޮއްވާ ފުލުހުންނަށް ފެނިފައިވާތީ އެ ވޮލެޓް ވަގަށް ނަގާފައިވަނީ އޭނާކަމަށް ބެލެވުމުންނެވެ.

ދައުލަތުން އުފުލާފައިވާ ދައުވާ ރައްދުވާ އަލީ މުހައްމަދު އިންކާރުކޮށް ބުނެފައިވަނީ ވަގަށް ނަގާފައިވާކަމަށް ދައުލަތުން ބުނާ ތަކެއްޗަކީ ސިރާޖު ކިޔާ މީހަކު އޭނާއާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ. ނަމަވެސް ޢަލީ މުޙައްމަދަށް ޝާރީއަތުގައި އެކަން ސާބިތުކޮށްދެވިފައެއް ނުވެ އެވެ. އަދި ގާޒިއްޔާގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މިއީ ޢަލީ މުޙައްމަދު މައްޗަށް ވައްކަމުގެ ކުށް ސާބިތުވާ ދެވަނަ ފަހަރެވެ.

އެހެންކަމުން މި ކުށް ސާބިތުވުމާ ގުޅިގެން ކޯޓުން ޢަލީ މުޙައްމަދު މައްޗަށް ހުކުމްކޮށްފައިވަނީ 3 މަސްދުވަހަށް ޖަލަށްލުމަށެވެ.

މި މައްސަލައިގެ އިތުރުން ދައުލަތުން ދެން އަލީ މުހައްމަދުގެ މައްޗަށް އުފަލާފައިވަނީ 2013 ޖޫން 13 ވަނަ ދުވަހުގެ ވަގުތެއްގައި  ކުޅުދުއްފުށި ގެއަކުން 5 ޔޫއެސް ޑޮލަރާއި 2000 ދިވެހި ރުފިޔާ އާއި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.

އަދި މި ދައުވާއަށްވެސް އަލީ މުހައްމަދު ޝަރީއަތުގައި އިންކާރުކުރުމުން އެދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ 2 ފުލުހެއްގެ އިތުރުން އާއްމު 2 މީހެއްގެ ނަން ހުށަހަޅާފައެވެ.

މި މައްސަލަ ބެލި ގަޒިއްޔާގެ ހުކުމުގައި ބުނަނީ މި ދައުވާ ހުށަހެޅިފައިވާ ހެކިންގެ ހެކިބަހުން ލިބިދޭ ގުޅިފައިވާ ހަރުދަނާ ޤަރީނާތަކުން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މި ކުށްވެސް ސާބިތުވެ ޢަލީ މުޙައްމަދު 1 އަހަރާއި 7 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355