ރައީސް ޔާމީންގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ދުވަހުގެ ތެރޭގައި ކުޅުދުއްފުށިގައި އަޅައިދޭނެ ކަމަށް ވައުދުވެވަޑައިގަންނެވި ޑޮމެސްޓިކް އެއާޕޯޓްގެ އަަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަލީ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” ދެއްވި ބަސްތީގަތުމެއްގައި އަލީ ވިދާޅުވީ ވެރިކަމުގެ ފުރަތަމަ 2 އަހަރު ތެރޭގައި ނިންމާދޭނެކަމަށް ވައުދުވި އެއާޕޯޓް ވެރިކަމުގެ ދެ އަހަރު ނިމިމުނު އިރު އަމަލީ މަސައްކަތް ވެސް ފެށިފައިނުވާ ކަމަށާއި އެއީ ކަންބޮޑުވާ ބޮޑު މައްސަލައެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެއާޕޯޓް އެޅުމަށްޓަކާ ސަރުކާރަށް ފުރިހަމައަށް ކައުންސިލުން އެއްބާރުލުން ދޭނެ ކަމަށެވެ. މީގެ ކުރިން ވެސް ކުޅުދުއްފުށީގެ ތަރައްގީއާ ގުޅިގެން އައިސްފަ ހުރި ހުރިހާ މަޝްރޫއުތަކަށް ކައުންސިލުން އެއްބާރުލުން ދީފައިވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އުއްމީދަކީ ވީހާވެސް އަވަހަކަށް ސަރުކާރުން ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅުވައިދެއްވާނެ ކަމަށެވެ
ރައީސް ޔާމިން ކުޅުދުއްފުށީގައި އަޅަދެއްވާނެ ކަމަށް ވައުދުވި ޑޮމެސްޓިކް އެއާޕޯޓްގެ މަޝްރޫއުއާ ބެހޭ ގޮތުން ކައުންސިލަށް މާބޮޑު މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި އަދި އެކަމުގެ މައުލޫމާތު ކައުންސިލަށް ވެސް ލިބެނީ މީޑިއާތައް މެދުވެރިކޮށް ކަމަށެވެ.
ކައުންސިލުގެ ރައީސް މިހެން ވިދާޅުވެފައިވާއިރު އެއާޕޯޓު ހެދުމުގެ ކުރިން ބޭނުންވާ އީއައިއޭ ރިޕޯޓު ހަދައިދޭނެ ފަރާތެއް ހޯދުމަށް މި މަހުގެ ތެރޭގައި ވަނީ އިއުލާން ކޮށްފައެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫއު ނުފެށި ލަސްވަމުންދާ މައްސަލާގައި ވެސް ކައުންސިލުގެ ރައީސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވީ މަގު ހެދުމުގެ މަސައްކަތް އަލުން ފަށާނެ އެތައް ތާރިހެއް ކަނޑައެޅި ނަމަވެސް މިހާތަނަންވެސް އެމަސައްކަތް ނުފެށިވާ ކަމަށެވެ.