ބީއެމްއެލް ކަސްޓަމަރެއްގެ އެކައުންޓުގެ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮރި މައްސަލައެއްގައި ބޭންކުގެ މުވައްޒަފަކު ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ ފ.ނިލަންދޫ ބުރާންޗުގެ މެނޭޖަރުގެ މަގާމުގައި ހުރި ގާސިމް އަބްދުލް ކަރީމްއެވެ. ގާސިމްއަކީ މީގެ ކުރިން ހދ.ކުޅުދުއްފުށި ބުރާންޗުގައިވެސް މެނޭޖަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.
ބީއެމްއެލްގެ އޮފިޝަލަކާ ހަވާލާދީ ސަން އޮންލައިންގައި ބުނެފައިވާގޮތުން އެ ބޭންކުގެ ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު ބޭންކުގެ މުވައްޒަފަކު ނަހަމަ ގޮތުގައި ބޭނުންކޮށްފައި ވާތީ، އެ މައްސަލަ އެ ބޭންކުގެ ފަރާތުން ކަމާ ބެހޭ ފަރާތަށް ހުށަހަޅާފައިވާނޭ ކަމަށެވެ.
ކަސްޓަމަރުންގެ އެކައުންޓް މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމަކީ އެ ބޭންކުން އެންމެ އިސްކަންދޭ އެއް ކަންކަމަށާއި ކަސްޓަމަރުންގެ މައުލޫމާތުގެ ސިއްރުކަން ހިފެހެއްޓުމަށް ޓަކައި މުވައްޒަފުން އަމަލުކުރަން ޖެހޭ ހަރުދަނާ ގަވައިދުތަކާއި އުސޫލުތައް އެ ބޭންކުން ކަނޑައަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އެފަދަ ގަވައިދުތަކާ ހިލާފުވާ މުވައްޒަފުންނާ މެދު ބޭންކުން އަބަދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބީއެމެއެލް އިން ބުންޏެވެ.