ހދ.ކުޅުދުއްފުއްޓާއި، ށ.ފުނަދޫގައި އެއަރޕޯޓް ހެދުމަށް ހަދަންޖެހޭ އެންވަޔަރަންމެންޓް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ހެދުމަށް ތިން ކުންފުންޏަކުން މަޢުލޫމާތު ސާފުކޮށްފިއެވެ.
މި ދެރަށުގައި އަޅަން ހަމަޖެހިފައިވާ އެއާރޕޯޓްގެ އީއައިއޭ ހެދުމުގެ މަސައްކަތް ބިޑް ކުރާތާ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރެވިގެންދާނެ ކަމަށާއި މިކަމާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްފައިވަނީ ދިވެހި 3 ކުންފުންޏަކުން ކަމަށް މިއަދު “ސަން” އަށް ދިން އިންޓަވިއުއެއްގައި ރީޖަނަލް އެއާޕޯސްޓް އޮތޯރިޓީގެ ޑިރެކްޓަރ ސާމީ އަގީލް ވަނީ ވިދާޅުވެފަ އެވެ.
އަންނަ އާދިއްތަ ދުވަހު އީއައިއޭ ހެދުމަށް ބިޑް ހުށަހަޅަން ޖެހޭއިރު ދެ ރަށުގައި ހެދުމަށް ހަމަޖެހިފައިވާ އެއާޕޯޓުގެ އީއައިއޭ ރިޕޯޓް ލިބުނުހާ އަވަހަކަށް އެއާޕޯޓް ހަދަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ބަޔަކާ ހަވާލު ކުރެވިގެންދާނެ ކަމަށްވެސް ސާމީ ވަނީ ވިދާޅުވެފަ އެވެ.
ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ އެއާރޕޯޓްގެ އީއައިއޭ ހެދުމަށް އިއުލާން ކޮށްފައިވަނީ މި ފެބްރުއަރީ މަހު ތެރޭގައި އެވެ. ކުޅުދުއްފުށީގައި އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ އުތުރުކޮޅު ކުޅި ސަރަހައްދުން ނެވެ. އަދި އެސަރަހައްދުގެ ބިން ތަހުލީލުކުރުމަށްޓަކާ މިދިޔަ އަހަރު އެތަނުގެ ބިމު އަޑިން ޗަކައިގެ ސާމްޕަލްވެސް ވަނީ ނަގައިފަ އެވެ.