ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކި މީހަކު ތިން އަހަރަށް ޖަލަށް ލުމަށް ހދ ނޮޅިވަރަމް މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
އެ މައްސަލާގައި ކުށް ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމް އިއްވާފައިވަނީ ހދ. ނޮޅިވަރަމް، ނައިޓްޑްރީމް މުހައްމަދު ޝަރީފް (32އ) ގެ މައްޗަށެވެ.
މުޙައްމަދު ޝަރީފްގެ މައްޗަށް ކުޑަކުއްޖަކަށް ޖިންސީ ގުނަވަން ދެއްކުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ 2015 ވަނަ އަހަރު އެކި ދުވަސްމަތިން ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދައްކާފައިވާ މައްސަލައާ ގުޅިގެންނެވެ.
އެ މައްސަލަ ބެލުމަށްފަހު ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ޝަރީފްއާ ދެކޮޅަށް މަދުވެގެން ފަސް ބާވަތުގެ ހެކި ޝަރީއަތަށް ލިބިފައިވާކަމަށެވެ. އެހެންކަމުން ކުށް ޝަރީއަތަށް ސާބިތުވެފައިވާތީ މުޙައްމަދު ޝަރީފް ކުށްވެރިވެއްޖެކަމަށް ކަނޑައަޅާފައިއެވެ.
އެހެންކަމުން، މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާމީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ށ) ގެ ދަށުން މުޙައްމަދު ޝަރީފް 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުން ވަނީ ހުކުމްކޮށްފައިއެވެ.