twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކުޑަމުރައިދޫގެ އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް: ކޯޓު

Feb 28, 2016

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދިން ހދ. ކުޑަމުރައިދޫގެ އެއްބަސްވުން އުވާލައި، އެރަށް ސަރުކާރުން އަތުލީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލްނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުޑަމުރައިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ހަވާލުކުރީ ޖޭ އެޗް ރިސޯޓްސް އަށެވެ. އަދި 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެރަށުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އެރަށުގެ ފައިނޭޝަލް ޑޮކިއުމެންޓްސްތައް ސަރުކާރަށް ހުށަހަޅާފައިނުވާތީ ކަމަށް ދައުލަތުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ނަމަވެސް މިދަިޔަ ބުދ ދުވަހު ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެރަށުގެ ފައިނޭންޝަލް ޑޮކިއުމެންޓް ހުށަހަޅާފައި ނެތުމަކީ މުތުލަގު ގޮތެއްގައި އެއްބަސްވުން ބާތިލްކުރެވޭނެ ސަބަބެއް ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް ކަމަށެވެ.

އެހެންކަމުން ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރުމަށް ފޮނުވި ނޯޓިސްއަކީ އެ އެއްބަސްވުމާ ހިލާފަށް ފޮނުވި ނޯޓިހެއް ކަމަށް ކަނޑައަޅައި، އެ އެއްބަސްވުން ބާތިލް ނުވާ ކަމަށް ކަމަށް ކޯޓުގެ ހުކުމްގައިވެއެވެ.

އަދި ސަރުކާރުން ފޮނުވި ނޯޓިހުގެ ސަބަބުން ޖޭ އެޗް ރިސޯޓްސް އަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ނަމަ އެ ގެއްލުމެއްގެ ބަދަލު ހޯދަން ދައުވާކުރުމުގެ ހައްގު އެ ކުންފުންޏަށް ލިބިގެންވާ ކަމަށް ވެސް ގާޒީ ހުސައިން މަޒީދު ކުރެއްވި ހުކުމުގައިވެ އެވެ.

ކުޑަމުރައިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ޖޭ އެޗް ކުންފުންޏަށް ދިނީ ޖޫން، 2006 ގަ އެވެ. އެރަށުގެ އެއްބަސްވުމުގެ އިތުރުން އިތުރު ގިނަ ރަށްތަކެއްގެ އެއްބަސްވުން ވެސް މިދިޔަ އަހަރު ސަރުކާރުން ބާތިލްކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް ނިމުނު ހުރިހާ މައްސަލައެއް ވެސް ނިމިފައިވަނީ ސަރުކާރާ ކަން ފާހަގަކޮށްލެވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355