twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ނޮޅިވަރަމްފަރަށް ބަދަލުކުރި 3 ރަށެއްގެ 52 އާއިލާއެއް އަދިވެސް އުޅެމުންދަނީ އަމިއްލަ ބޯހިޔާވަހި ކަމެއް ނެތި

Feb 29, 2016

އެއްފަސް ކުރުމުގެ ސިޔާސަތުގެ ތެރެއިން ހދ ނޮޅިވަރަމްފަރަށް 2011 ވަނަ އަހަރު ބަދަލުކުރި 3 ރަށެއްގެ ރައްޔިތުންގެ ތެރެއިން 52 އާއިލާއަކަށް އަދިވެސް އަމިއްލަ ގެއެއް ސަރުކާރުން ދީފައިނުވެ އެވެ.

2011 ވަނަ އަހަރު ނޮޅިވަރަމްފަރަށް ބަދަލުކުރީ އެއަތޮޅު މާވައިދޫ އާއި ފަރިދޫ އަދި ކުނބުރުދޫގެ ރައްޔިތުންނެވެ. މި ތިން ރަށުގެ ރައްޔިތުން ނޮޅިވަރަމްފަރަށް ބަދަލުކުރީ އެމީހުންގެ އުފަން ރަށުގައި ގެދޮރު ހުރި ކޮންމެ އާއިލާއަކަށް ނޮޅިވަރަމްފަރުގައި ސަރުކާރުން ގެދޮރު އަޅާނެ ކަމަށް ބުނެ ނަމަވެސް މިހާތަނަށް އެމީހުން އެރަށުގައި ދިރިއުޅެމުން އަންނަނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތި ކުއްޔަކަށެވެ.

ނޮޅިވަރަމްފަރަށް ބަދަލުވި 52 އާއިލާއަަކަށް ގެދޮރު ލިބިފައިނުވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، 47 ފަރާތެއްގެ ސޮއިކޮށް ހައުސިންގ މިނިސްޓަރު މުހައްމަދު މުއިއްޒުއަށް ޕެޓިޝަނެއް މިއަދު ހުށަހަޅާފަ އެވެ.

ޕެޓިޝަނުގައި ބުނެފައިވަނީ 2011 ވަނަ އަހަރު އެރަށަށް ބަދަލުކުރި ހދ.މާވައިދޫ، ކުނބުރުދޫ އަދި ފަރިދޫ ރައްޔިތުން ބަދަލުކޮށްފައި ވީނަމަވެސް އޭގެތެރެއިން 52 އާއިލާއަކަށް އަދިވެސް ދިރިއުޅޭނެ ގެ ލިބިފައިނުވާތީ ނިހާޔަތަށް ކަންބޮޑުވާކަމަށެވެ.

ދައުލަތުގެ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ހދ.ހަނިމާދޫއަށް ބަދަލުކޮށްފައިވާ ހަތިފުށީ އާއިލާތަކަށާއި އަދި މިނޫންވެސް ބަދަލުކޮށްފައިވާ އެހެން ރަށްރަށުގެ އާއިލާތަކަށް ގެ ހަވާލުކުރެވެންދެން ސަރުކާރުން މީހަކަށް މަހެއްގެމައްޗަށް 500 ރުފިޔާ ދެއްވަމުން ގެންދެވިކަމަށެވެ.

ނަމަވެސް ނޮޅިވަރަންފަރަށް ބަދަލުކުރި އާއިލާތަކަށް އެފައިސާ ވެސް ދެއްވާފައި ނުވާއިރު، އެ 52 އާއިލާއަށް ގެއެއް ނުލިބި ކުލި ދައްކައިގެން ދިރިއުޅޭތާ 5 އަހަރުވެފައިވާކަމަށް އެ ޕެެޓިޝަނުގައި ބުނެފައިވެއެވެ.

ޤާނޫން އަސާސީގެ 2 ވަނަ ބާބު (އަސާސީ ހައްޤުތަކާއި، މިނިވަންކަން) ބަޔާންކޮށްފައިވާ ބާބުގެ 18 ވަނަ މާއްދާ (ދައުލަތުގެ ވާޖިބު)އަށް ރިޔާއަތްކޮށް ޕެޓިޝަނުގައި ބުނެފައިވަނީ ކުރިން ދެންނެވުނު 52 އާއިލާ އަމިއްލަރަށުގައި ކުއްޔަށް އުޅޭއުޅުން ނިމުމަކަށް ގެނެސްދެއްވައި، ބޯހިޔާވަހިކަން ނުލިބި ދުވަސަތަކަށް އެފަރާތްތަކަށް ހައްޤުވާ ފައިސާ ހޯއްދަވައިދެއްވުމަށް ހައުސިންގ މިނިސްޓަރަށާއި، ސަރުކާރަށް އެ ޕެޓިޝަންގައި ގޮވާލާފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355