ހދ ނޮޅިވަރަމް ކައުންސިލްގެ ރައީސާ މަރިޔަމް ހަބީބް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
މަރިޔަމް ހަބީބް ވަނީ މަގާމުން އިސްތިއުފާ ދެއްވިކަން މި ނޫހަށް ކަށަވަރުކޮށްދެއްވާ ފަ އެވެ.
މި ނޫހަށް މައުލޫމާތު ދެއްވަމުން މަރިޔަމް ހަބީބް ވިދާޅުވީ ކައުންސިލްގެ ރައީސާ ކަމުން އިސްތިއުފާ ދޭން ނިންމީ ކައުންސިލް މެންބަރުންގެ އެއްބާރުލުން އެއްވެސް ކަމެއްގައި ނުލިބޭތީ ކަމަށެވެ.
އަދި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ކައުންސިލް މެންބަރުން މަރިޔަމް ހަބީބްގެ އިތުބާރުނެތް ކަމުގެ ވޯޓް ނަގައި ރައީސާކަމުން ދުރުކޮށްފައިވަނިކޮށް އެލްޖީއޭއިން އެ ނިންމު ބާތިލް ކުރުމުން އެކަމާ އެރަށު ކައުންސިލް މެންބަރުން ވަނީ ނުރުހުން ފާޅުކޮށް އެއްވެސް ކަމެއްގައި އެއްބާރުލުން ނުދެއްވާނެ ކަމަށް ވިދާޅުވެފައި ކަމަށާއި އެހެންކަމުން އެބޭފުޅުންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ ރަށުގެ ތަރައްގީއަށް ވިސްނުމަށް ފަހު އިސްތިއުފާ ދޭން ނިންމީ ކަމަށް މަރިޔަމް ވިދާޅުވި އެވެ.
މަރިޔަމް ހަބީބް އިތުބާރު ނެތް ކަމުގެ ވޯޓް އެރަށު ކައުންސިލުން ނަގާފައިވަނީ މިދިޔަ އަހަރު ޑިސެންބަރު މަހު 21 ވަނަ ދުވަހު އެވެ. އަދި އެ ނިންމުން އެލްޖީއޭއިން ބާތިލް ކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.