އިންޑޮނޭޝިއާގެ ސްމަޓްރާ ކައިރިއަށް ބާރު ގަދަ ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފި އެވެ.
މިއަދު ހަވީރު 17:49 ގައި ރިކްޓާ މިންގަނޑުން 7.9 ގެ ބާރުމިނުގައި އައި އެ ބިންހެލުން އައިސްފައި ވަނީ ކަނޑުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުންޏެވެ. އެ ބިންހެލުން އައުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެތީ މޫސުމާ ބެހޭ އިދާރާއިން ނެރެފައި ވަނީ ޔެލޯ އެލާޓް އެވެ.
ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ ސުމަޓްރާ ޖަޒީރާގެ ޕަޑާން ނަމަކަށް ކިޔާ ސަރަހައްދަށެވެ. އައި އެ ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދިދާނެ ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ވަނީ ލަފާކޮށްފައެވެ. އިންޑޮނޭޝިއާގެ ނެޝަނަލް މީޓިއޮރޮލޮޖިކަލް އެޖެންސީން ވަނީ ސުމަޓްރާ ޖަޒީރާގެ އުތުރަށާއި ދެކުނަށް އަދި އަޗޭއަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދީފައެވެ.
ރާއްޖޭގެ މޫސޫމާބެހޭ އިދާރާއިން ބުނީ ބިން ގެލުމާއެކު އިންޑޮނޭޝިއާ ސަރަހައްދުގައި އުސް ރާޅު ހުރި ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި ނަމަވެސް އޭގެ އަސަރު ރާއްޖެއަށް ފޯރާފާނެ ކަމުގެ އިޝާރާތެއް އަދި ނެތް ކަމަށެވެ. ނަމަވެސް މިހާރު އޮތް ޔެލޯ އެލާޓާއެކު ސްނާމީ އެއް ޖެނަރޭޓްވެދާނެ ތީ ތައްޔާރީ ލާތުގައި ތިބުން މުހިންމު ކަމަށެވެ.