މިދިޔަ އަހަރުގެ އެންމެ ހިންގުންތެރި އަތޮޅު ކައުންސިލުގެ މަގާމް ށ އަތޮޅު ކައުންސިލަށް ލިބިއްޖެ އެވެ. އެންމެ ރަނގަޅު ރަށު ކައުންސިލަކަށް ހޮވުނީ ފޯކައިދޫ ކައުންސިލެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން “ކަންގަތި އެވޯޑް” ގެ ނަމުގެ ދޭ ފެށި މި އެވޯޑްގައި ދެވަނަ ކައުންސިލަކަށް އަތޮޅު ފުވައްމުލަކު އަތޮޅު ކައުންސިލް ހޮވުނުއިރު ތިން ވަނަ އަށް ހޮވުނީ ތ. އަތޮޅު ކައުންސިލެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ކައުންސިލެއް ވަނީ ހޮވައި، އެވޯޑް ދީފަ އެވެ.
އެއް ވަނަ ލިބުނީ ށ. ފޯކައިދޫ ކައުންސިލަށެވެ. ރ. އުނގޫފާރު ކައުންސިލަށް ދެވަނަ ލިބުނުއިރު ތިން ވަނަ ލިބުނީ ށ. މަރޮށީ ކައުންސިލަށެވެ. ހަތަރު ވަނަ ގދ. ތިނަދޫ ކައުންސިލަށް ލިބުނުއިރު ފަސް ވަނަ ލިބުނީ ކ. ގުރައިދޫ ކައުންސިލަށެވެ. ކ. ހުރާ ކައުންސިލަށް ހަ ވަނަ އަދި ކ. ގުޅީ ކައުންސިލަށް ހަތް ވަނަ ލިބުނުއިރު ށ. ފުނަދޫ ކައުންސިލަށް ވަނީ އަށް ވަނަ ލިބިފަ އެވެ. ރ. ވާދޫ ކައުންސިލަށް ނުވަ ވަނަ ލިބުނުއިރު 10 ވަނަ ލިބުނީ މ. މަޑުއްވަރީ ކައުންސިލަށެވެ.
ކޮންމެ އަތޮޅަކުން އެންމެ ރަނގަޅު ރަށު ކައުންސިލެއް ވެސް ވަނީ ހޮވައި އެވޯޑް ދީފަ އެވެ. ހއ. މާރަންދޫ ކައުންސިލާއި ހދ. ވައިކަރަދޫ ކައުންސިލާއި ށ. ފޯކައިދޫ ކައުންސިލާއި ރ. އުނގޫފާރު ކައުންސިލާއި ބ. އޭދަފުށީ ކައުންސިލާއި ޅ. ހިންނަވަރު ކައުންސިލާއި ކ. ގުރައިދޫ ކައުންސިލްގެ އިތުރުން އދ. ދަނގެތީ ކައުންސިލާއި ވ. ކެޔޮދޫ ކައުންސިލާއި މ. މަޑުއްވަރީ ކައުންސިލާއި ދ. ރިނބުދޫ ކައުންސިލާއި ތ. ބުރުނީ ކައުންސިލާއި ގދ. ތިނަދޫ ކައުންސިލް އަދި ފުވައްމުލަކު މިސްކިތްމަގު ކައުންސިލް ވަނީ ހޮވިފަ އެވެ.
ވަނަތަކަށް ހޮވުނު ކައުންސިލްތަކަށް އެވޯޑް ހަވާލުކޮށް ދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.