ކުޅުދުއްފުށި އުތުރު ބަނދަރު ސަރަހައްދުން ތެލާއި ގޭހުގެ ވިޔަފާރިއަށް ބިން ބޭނުންވާ ފަރާތްތަކަށް ބީލަން ފޮތް ވިއްކަން ފަށައިފި އެވެ..
ކުޅުދުއްފުށީ ކައުންސިލްގެ ނައިބް ރައީސް އައިމަން ވިދާޅުވީ ބީލަން ފޮތް ވިއްކަން ފަށާފައިވަނީ އިއްޔެ ކަމަށާއި މި މާރޗު މަހު 22 ވަނަ ދުވަހާއި ހަމައަަށް ބީލަން ފޮތް ކައުންސިލުން ވިއްކަމުން ދާނެ ކަމަށެވެ.
މި މާރޗް މަހު 22 ހަމައަށް ފޮތް ދޫކުރި ނަމަވެސް ބީލަން ބަލައިގަތުން މާރޗް 27 ހަމައަށް ކުރިއަށް ދާނެކަމަށް ވެސް އައިމަން ވިދާޅުވި އެވެ. ބީލަން ފޮތެއްގެ އަގަގީ -/500 ރުފިޔާ އެވެ.
ކުޅުދުއްފުށި ކައުންސިލުން މިދިޔަ މަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން މި ފިޔަވަހީގައި ދޫކުރަން ހަމަޖެހިފައިވަނީ 2000 އަކަ ފޫޓުގެ 6 ބިމެއް ކަމަށެވެ. ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ އެސްޓީއޯގެ ގޭސް ގުދަނާއި ދަތުރު ހިޔާއާ ދޭތެރޭއިން ކަމަށް މީގެ ކުރިން ކައުންސިލުގެ ރައީސް އަލީ މުހައްމަދު މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
ކުއްޔަށް ހިފާ ކޮންމެ ބިމަކަށް 5000ރ ޗެކް ނުވަތަ ނަގުދު ފައިސާގެ ގޮތުގައި ހުށައަޅަން ޖެހެއެވެ. އަދި ބީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް 30 ދުވަހުގެތެރޭގައި އެފައިސާ ރައްދުކުރެވިގެންދާނެ ކަމަށް ކައުންސިލުން ބުނެއެވެ.
ތެލާއި، ގޭހުގެ ވިޔަފާރިއަށް ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުން 2000 އަކަފޫޓްގެ 12 ބިން ދޫކުރުމަށް މިދިޔަ އަހަރުގެ ފަހުކޮޅު ހައުސިންގ މިނިސްޓްރީން ވަނީ ހުއްދަ ދީފައިއެވެ.