އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަންހެން ކުދިންނާއި އަންހެނުންގެ ކުރިއެރުމަށް އާ ފުރުޞަތުތައް ހޯދައިދީ، އެ ބޭފުޅުންގެ ހުވަފެންތައް ހަޤީޤަތަކަށް ހަދައިދިނުމުގެ ގޮތުން، ވިމެން އޮން ބޯޑްސް އާއި ގުޅިގެން މަސައްކަތް ކުރުމުގައި ޕްލެޓިނަމް ޕާޓްނަރއަކަށްވުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
ވިމެން އޮން ބޯރޑްސްއަކީ، އަންނަން އޮތް ޖީލުތަކުގެ އަންހެނުން އިޤްތިސާދީގޮތުން ބާރުވެރިކޮށް، ރާއްޖޭގެ އެކި ފަންތީގެ ވަޒީފާތައް އަދާކުރުމުގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި ޖަމިއްޔާއެކެވެ.
މި ޕާރޓްނާޝިޕްގެ ދަށުން، އަންހެނުން ބާރުވެރިކޮށް، އަންހެނުންނަށް ބޭނުންވާ އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ގިރާކުރުމަށްޓަކައި މި ދެ މުއައްސަސާއިން ހިންގޭ ހަރަކާތްތަކުގައި ދެފަރާތުންވެސް އެއްބާރުލުންދޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.
މީގެ އިތުރުން އުރީދޫ މޯލްޑިވްސްވަނީ މިދިޔަ މަހު ބާސެލޯނާގައި ބޭއްވުނު މޮބައިލް ވަރލްޑް ކޮންގްރެސްގައި ބޭއްވުނު މޮބައިލް އިންޑަސްޓްރީގައި ޖިންސީ ފަރަގު ކުޑަކުރުމަށްޓަކައި، ކަނެކްޓަޑް ވިމެން ކޮމިޓްމަންޓް ގައި ސޮއިކުރި އެންމެ ފުރަތަމަ ޖީއެސްއެމްއޭ އޮޕަރޭޓަރުންގެ ތެރޭ ހިމެނިގެން ގޮސްފައެވެ.
“އަންހެނުންގެ ކުރިއެރުމާއި އެކު، މުޖުތަމަޢު އާއި، އިގްތިސާދާއި ވިޔަފާރިތައްވެސް ކުރިއަރާ، މޮބައިލް ޓެކްނޮލޮޖީގެ ސަބަބުން އަންހެނުންނަށް ކުރިއެރުމުގެ ފުރުސަތުލިބި، ހުވަފެންތަކަށް ވާސިލްވުމަށް ހިތްވަރު ލިބޭ. ޑިޖިޓަލް އަދި މާލީގޮތުން އަންހެނުންގެ ބައިވެރިވުން ދިވެހިރާއްޖޭގައި އިތުރުކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންދާއިރު، އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާ ވިމެން އޮން ބޯޑްސް އާ ގުޅުމުގެ އުފާ ލިބުމަކީ، އަޅުގަނޑުމެންގެ މަސައްކަތް ރަނގަޅު މިސްރާބަކަށް ގެންދިޔުމަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީތެރިކަމެއް.” އުރީދޫގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.
އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިމެން އޮން ބޯޑްސްގެ ރައީސާ، މަރިޔަމް ޝަފީގާ ވިދާޅުވީ އަންހެނުންނަކީ ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑުބައި ހިއްސާ ކުރާ ބަޔެއް ނަމަވެސް، އަންހެނުންނަށް މަތީ މަޤާމުތަކާއި މަތީ ނިންމުންތައް ނިންމާ ފަންތީގެ މަޤާމުތަކުގެ ފުރުޞަތުތައް ރާއްޖޭގައި ލިބެމުންދަނީ ނިސްބަތުން ވަރަށް މަދުން ކަމަށެވެ.
އަދި މަސައްކަތުގައި އެންމެ އަހަމިއްޔަތުކަން ދެނީ އިސްމަޤާމުތަކުގައި ޖިންސީ ހަމަހަމަކަން ގާއިމްކޮށް އިގްތިސާދީ ކުރިއެރުމުގައި އަންހެނުންނާއި ފިރިހެނުންނަށް އެއް ފަންތީގައި، ހަމަހަމަކަމާއި އެކު ބައިވެރިވެވޭނެ ފުރުޞަތު ހޯދައިދިނުމަށް ކަމަށް ޝަފީގާ ވިދާޅުވިއެވެ.
އުރީދޫ އާއި ވިމެން އޮން ބޯޑްސް ގުޅިގެން ވަނީ “ސްމާޓް އައިޑިއާސް ފޯ ވިމެން” ގެ ނަމުގައި ޚާއްޞަ ޗެލެންޖެއް 2015 ވަނަ އަހަރު ވަނީ ކުރިއަށްގެންގޮސްފައެވެ. ވިމެން އޮން ބޯޑްސް އާއި ގުޅިގެން ކުރިއަށްގެންދިޔަ މި ޗެލެންޖަކީ ދިވެހި އަންހެނުންނަށް މިވަގުތު ދިމާވަމުންދާ ގޮންޖެހުންތައް ދިރާސާކޮށް، ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން އެކަންކަމަށް ޙައްލެއް ގެނެސްދިނުމަށްޓަކައި ފޯރުކޮށްދެވިދާނެ ތަފާތު ސްމާޓް ސޮލިއުޝަން ތަކާއިމެދު ހޭލުންތެރިކޮށްދީ، މިކަމަށް އެހީތެރިވި ޕްރޮގްރާމެކެވެ.
ހަމައެއާއި އެކު އުރީދޫ އަކީ ވިމެން އޮން ބޯޑް އިން މިދިޔަ އަހަރު ބޭއްވި، “ދަ ކޮންފަރެންސް ފޯ ވިމެން” ގެ ޓައިޓަލް ސްޕޮންސަރ އެވެ. މި ކޮންފަރެންސް އަކީ މެކުއަރ ރެންސް އެންޑް ޖޯންސް އިން އެކި އުމުރުފުރާގެ އަންހެން ބޭފުޅުންނަށް ބާއްވާފައިވާ ތަމްރީނު ޕްރޮގްރާމެކެވެ.
މުވާޞަލާތީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އުރީދޫ އިން އަންހެން ކަސްޓަމަރުންނަށް އަދި މުވައްޒަފުންނަށް ހާއްސަ ހިދުމަތްތަކެއް އަދި ޕްރޮގްރާމްތަކެއް ފޯރުކޮށްދެމުންދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.