ހއ އަތޮޅު ތައުލީމީ މަރުކަޒުގެ 2014 ވަނަ އަހަރުގެ އެންމެ މޮޅު ދަރިވަރަށް ލިބުނު އުމުރާ ދަތުރު އެކުއްޖާގެ ކިޔަވަން ދިއްދޫގައި ހުރި ގޭގެ ދައްތައަށް ދީފި އެވެ.
އެ ސްކޫލްގެ 2014 ވަނަ އަހަރުގެ އޯލް ރައުންޑަރ ހއ ތަކަންދޫ، އައިޝަތު އަބްދުލް ވާހިދު އަށް މި އުމުރާ ދަތުރު ހަދިޔާކޮށްފައި ވަނީ ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބުންނެވެ. އަދި އެ ދަތުރު އައިޝަތު ދިޔުމުގެ ބަދަލުގައި ނިންމީ ދިއްދޫގައި އޭނާ ކިޔަވަން ގޮސް ހުރި ގޭގައި ދައްތައަށް ދިނުމަށެވެ. .
ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބުގެ ރައީސް އިބްރާހިމް މައުސޫމް ކުޅުދުއްފުށި އޮން ލައިނަށް މައުލޫމާތު ދެމުން ބުނީ ދިއްދޫ ސްކޫލްގެ 2014 ވަނަ އަހަރުގެ ބެސްޓް އޯލް ރައުންޑާއަކަށް ހޮވުމުން އެފަރާތުން އޭނާއަށް ދިން އުމުރާ ދަތުރުގައި އައިޝަތު އަބްދުލް ވާހިދު ހަދިޔާކޮށްފައިވަނީ ދިއްދޫގައި ކިޔަވަން ހުރި ގޭގެ ދައްތައަށް ކަމަށެވެ. އަދި މިހާރު އެއުމުރާ ދަތުރުގައި އެމީހާ އުމުރާއަށް މިދިޔަ ހޯމަ ދުވަހު ފުރާފައިވާ ކަމަށެވެ.
ހަދިޔާ ކުރެވުނު އުމުރާ ދަތުރަކީ އަސްކޮއި ހައްޖު އުމުރާ ގުރޫޕުން ކޮންމެ އަހަރަކުވެސް އަތޮޅުތަކަށް ކުރިޔަށް ގެންދަވާ ކެމްޕޭނެއްގެ ދަށުން އެ ކުލަބުން ގުޅިގެން ހަމަޖެހުނު ދަތުރެއް ކަމަށް އިބްރާހިމް މައުސޫމް ބުންޏެވެ. އަދި ކުރިޔަށް އޮތްތާގައި ވެސް “އަސްކޮއި” ގުރޫޕް އިތުރަށް ގުޅުން ބަދަހިވެ މިފަދަ ފުރުސަތުތަށް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް މައުސޫމް ބުންޏެވެ.
ދިއްދޫ ޓީނޭޖް ބޯއީސް ސްޕޯރޓްސް ކުލަބަކީ އެރަށުގައި އެކި ގޮތްގޮތުން ހަރަކާތްތައް ރާވާ ރަށަށް ފައިދާހުރި އަދި ފާހަގަކޮށްލެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެމުން އަންނަ ކުލަބެކެވެ.