ހަމައެކަނި ފޮތުގައި ނަގައިދޭ ފިލާވަޅަކުން ދަރިވަރުންގެ މުސްތަގުބަލު އުޖާލާ ވެގެން ނުދާނެ ކަމަށް ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް މަހުދީ ޝާހިދު ވިދާޅުވި އެވެ.
މަހުދީ މިހެން ވިދާޅުވީ މޯލްޑިވްސް ކެޑޭޓް ކޯ އިން އިންތިޒާމްކޮށްގެން އުތުރުގައި ފެށި ރީޖަނަލް ކެޑޭޓް ކޯ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ރީޖަނަލް ކެޑޭޓް ކޭމްޕުތަކުގައި ބައިވެރިނުވެ ދެން ގައުމީ އަދި ބައިނަލް އަގްވާމީ ކޭމްޕްތަކުގައި ބައިވެރިވެނުވެވޭނެ ކަން ފާހަގަކުރައްވަމުން މަހުދީ ވިދާޅުވީ ސްކޫލުތަކުން މަސައްކަތް ކުރަންވާނީ އެފަދަ ފުރުސަތުތައް އެސްކޫލެއްގެ ދަރިވަރުންނަށް ހޯދައިދިނުމަކަށެވެ.
” ކޮންމެ ކުއްޖަކީ ކޮންމެވެސް ދާއިރާއަކަށް ދާނެ ކުއްޖެއް. އެފަދަ ދާއިރާތަކުން ދިޔަ ކުދިންނަށް މަރުހަބާ ކިޔާނެ. ކެޑޭޓް ހަރަކާތެރިވެ ކާމިޔާބީތައް ހާސިލުކުރަން ތިބިއްޔާ، އެފުރުސަތުތައް މިއަދު ސްކޫލުގެ ތެރެއިން އެބަ ފަހިކޮށްދެވޭ. ސްކޫލުތަކަކީ އެތަނަކުން ތިޔަ ކުދިންނަށް އެފުރުސަތުތައް ހޯދައިދެވޭ ތަންތަނަށް ވާން ޖެހޭ. ހަމައެކަނި ފޮތުގައި ނަގައިދޭ ފިލާވަޅަކުން ތިޔަ ކުދިންގެ މުސްތަގުބަލް އުޖާލާ ވެގެން ނުދާ. އަމަލުން ތިޔަ ކުދިންގެ ހުނަރު ސްކޫލުގެ ތެރެއިން ދަސްކުރަން ޖެހޭ ” މަހުދީ ވިދާޅުވި އެވެ.
ދަރިވަރުންނަށް ރިވެތި އަދަބާއި ދިރިއުޅުުގެ އަދަބުތައް ސްކޫލު ތެރެއިން ދަސްކުރަން ޖެހޭ ކަމަށެވެ. އަދި އެފަދަ ކަންކަން ދަސްކުރުމަށް ސްކޫލުން ސްކައުޓާއި ތަފާތު ކުލަބުތައް އެއީ ވަރަށް މުހިއްމު ހަރަކާތަކެއް ކަމަށް މަހުދީ ފާހަގަ ކުރެއްވި އެވެ.
ކޭޑޭޓް އުޅޭ ކުދިން އާއްމުކޮށް ހިޔާރުކުރަނީ ގައުމު ދީފައު ކުރުމުގެ މަސައްކަތް ކަމަށްވާއިރު އެކިއެކި ނުރައްކާތެރި ހަތިޔާރުތަކުން ތިމާގެ މޭ އައްޑަނަ އެއްފަދައިން މިގައުމު ދިފާއު ކުރަން ޖެހޭ ކަމަށް މަހުދީ ވިދާޅުވި އެވެ.
އަދި ސްކޫލުގެ އުއްމީދަކީ ބައިނަލް އަގްވާމީ ފެންވަރުގައި ބާއްވާ ކޭމްޕްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބުން ކަމުގައި އޭނާ ވިދާޅުވި އެެވެ.