ކޮކާ ކޯލާގެ އައު ކެމްޕެއިން “ޓޭސްޓް ދަ ފީލިންގް” ރާއްޖޭގައި ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.
މިއަދު ސޯލްޓު ކެފޭ އެންޑް ރެސްޓޮރަންޓުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވަމުން ކޮކާކޯލާގެ ޖެނެރަލް މެނޭޖަރު މިލިންޑް ދެނެސާރީ ވިދާޅުވީ ކޮކާ ކޯލާ ކުންފުނީގެ މިއީ 46 ވަނަ ކެމްޕެއިން ކަމަށާއި މި ކެމްޕޭނަކީ ގުލޯބަލް ލޯންޗެއް ކަމަށެވެ.
އޭނާ ވިދާޅުވީ، މިހާތަނަށް އައި އިރު ކޮކާ ކޯލާގެ ތަފާތު ބްރޭންޑުތައް މާކެޓު ކުރަމުން އައީ ވަކިވަކިން ކަމަށެވެ. އެހެންނަމަވެސް ކޮކާ ކޯލާގެ ހުރިހާ ބްރޭންޑުތައް އެއް ކެމްޕެއިނެއްގެ ދަށަށް ގެންނަން ޖެހޭ ކަމަށް ޖެނެރަލް މެނޭޖަރު ވިދާޅުވި އެވެ.
އެ ކުންފުނީގެ ތާރީހުގައި ވެސް ކޮކާ ކޯލާގެ ހުރިހާ ބުރޭންޑުތައް ޔުނައިޓް ކުރެވޭ މިއީ ފުރަތަމަ ފަހަރު ކަމަށާއި ކޮކާ ކޯލާއަކީ އެއް ބުރޭންޑެއް ކަމުން ހުރިހާ ވައްތަރެއް އެއް ކެމްޕެއިނެއްގެ ދަށަށް ގެންނަން ޖެހޭ ކަމަށް މެނޭޖަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޮކާ ކޯލާގެ އާ ކެމްޕެއިނާ އެކު އާ އެންތަމްތަކެއް ވެސް ކޮންމެ ގައުމެއްގައި ލޯންޗު ކުރާ ކަމަށެވެ. އެގޮތުން ތިން ޓީވީސީއެއް ރާއްޖޭގައި ލޯންޗު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ އިތުރުން ވަރަށް އަވަހަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށަން ހަމަޖެހިފައިވާ ކަމަށް ވެސް މެނޭޖަރު ވިދާޅުވިއެވެ.
ކޮކާ ކޯލާގެ ކުންފުނީގެ މި އައު ކެމްޕެއިން ވަނީ އެކި ސަރަހައްދުތަކުގައި އެކި ތާރީހުތަކުގައި ފެށިފައި އެވެ. އެގޮތުން އެންމެ ފުރަތަމަ ލޯންޗު ކުރީ މި އަހަރުގެ 19 ޖެނުއަރީގައި ޕެރިހުގައި އެވެ. އަދި އެއަށްފަހު 26 ޖެނުއަރީގައި ހޮންގުކޮންގުގައި ވެސް މި ކެމްޕެއިން ވަނީ ލޯންޗު ކޮށްފައިއެވެ.