މުޅި ރާއްޖެއަށް ހުޅުވާލައިގެން މިއަދު ހެނދުނު ކުޅުދުއްފުށީގައި ފެށި އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ކައުންސިލުން ކުރަންޖެހޭ އިންތިޒާމުތައް ވަރަށް ދަށް ކަމަށާއި އެކަމުގެ ޒިންމާ ކުޅުދުއްފުށީ ކައުންސިލުން ނަގަންޖެހޭ ކަމަށް މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ބުނެފި އެވެ.
“ކުޅުދުއްފުށި އޮންލައިނަށް” މައުލޫމާތު ދެމުން ރާއްޖޭގެ މަޝްހޫރު ރަށެއްގެ އޮފިޝަލަކު ބުނީ ބޮޑު މުބާރާތްކާއި އަޅައި ބަލާއިރު އިންތިޒާމުތައް ވަރަށް ދަށް ކަމަށެވެ. އެގޮތުން ޓްރެކްގައި ވަޅު ހެދުފައި ހުރުމާއި ފަސްމަނޑުވުމުގެ މައްސަލަ ފާހަގަކުރި އެވެ.
ފުވައްމުލަކު އެހެން އޮފިިޝަލަކު ބުނީ މަރުހަބާ ކިޔުމާއި އެކޮމޮޑޭޝަން އަދި ކެއުން ވަރަށް ރަނގަޅު ކަމަށެވެ. އެހެން ނަމަވެސް ސްޓޭޑިއަމްގެ ސާފުތާހިރު ކަމާއި އެތަނުގެ ކަންތަންތައް އެއްގޮތަކަށްވެސް ކަމުނުދާ ކަމަށެވެ.
އެމީހުން ވެސް ވަނީ ސްޓޭޑިއަމް ސަރަހައްދުގެ ގޮނޑުކަމާއި އެތަނުގައި ސާފުނުކޮށް ހުރުމުން ކަންބޮޑުުން ފާޅުކޮށްފައި އެވެ. އަދި ޓްރެކްގައި ވަޅު ހުރުމާއި ފަސްމަނޑުވުމުން އެކަމުގެ ޝަކުވާ އުފުލާފަ އެވެ.
މިމުބާރާތައް ތަންކޮޅެއް ކައިރިން އައިސްފައިވާ ސްކޫލެއްގެ އޮފިޝަލަކު ބުނީ ކައުންސިލުން ވާންޖެހޭ އިންތިޒާމްތައް ވަރަށް ސަކަރާތްކަމަށެވެ. ސައުންޑްގެ އަޑުމަޑުވުމާއި ޓެންޓުތަކުގެ ގޮނޑި މަދުވުމާއި ޓުރެކްގެ މައްސަލަ ފާހަގަކޮށްފަ އެވެ.
މިކަމާ ކުޅުދުއްފުށީގެ ސްކޫލުތައް ވެސް ވަނީ ވަރަށް ރުޅިގަދަވެފަ އެވެ. ކުޅުދުއްފުށީ ސްކޫލެއްގެ އޮފިޝަލުން ތަކެއް ބުނީ ހުރިހާ ވެސް މައްސަލައަކީ ކައުންސިލް ކަމަށެވެ. ބޮޑު މުބާރާތެއް ރަށަށް އާއިރު ކައުންސިލުން އެކަމަށް ތައްޔާރުވެފައި ނުވާކަން އެމީހުން ފާހަގަކުރި އެވެ.
” މުބާރާތައް ރަށުތެރެ އެއްވެސް ވަރަކަށް ޒީނަތެރިކޮށްފައި ނެތް. ނުވިތާކަށް މުބާރާތް ކުރިއަށްދާ ސްޓޭޑިއަމްގެ އިންތިޒާމްތައް ހަމަ ސުމެއް. ދުރާލާ އެއްވެސް ވަރަށް ކަށް ތައްޔާރުވެފައެއް ނެތް ” ކުޅުދުއްފުށީ ޓީމެއްގެ އޮފިޝަލަކު ބުންޏެވެ.
އެމީހުން ބުނީ ޓެންޓްތައް ކައިރީގައި ކުނިކޮތަޅާއި ކިސްގޮހޮރު ފަދަ ކުނިވާ ޒާތުގެ ކުނިތައްވެސް ހުރިކަމަށާއި އެސަރަހައްދުވެސް އެއްވެސް ވަރަށް ސާފުކޮށްފައިނުވާ ކަމަށެވެ. އަދި ޓުރެކްގެ ފެންވަރު ދަށްކަން އެމީހުންވެސް ފާހަގަކުރި އެވެ.
މިކަމާ ގުޅިގެން ކައުންސިލުގެ ބަހެއް ހޯދުމަށް ކުޅިވަރުގެ ކަންތައްތަކާ އުޅުއްވައި ކައުންސިލަރު އިބުރާހިމް އައްބާސްގެ ފޯނަށް ޖަވާބު ނުދެއްވާތީ ކައުންސިލުގެ ބަހެއް ވަނީ އަދި ނުލިބިފަ އެވެ.
މީގެ ކުރިންވެސް ކުޅުދުއްފުށިގައި މިފަދަ ބޮޑެތި އެތުލެޓިކްސް މުބާރާތައް ބާއްވާފައިވާއިރު މިއީ މިފަދަ ގޮތަށް އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި ފަހަރެވެ.
9 ވަނަ އެޓޯލް ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 7 ޓީމަކުން ބައިވެރިން ވާދަކުރެއެވެ.