ކުޅުދުއްފުށީގައި ހުންނަ ޒޯން ސްޓޭޑިއަމް ސާފުނުކުރުމާއި އެތަނުގެ ޓްރެކު ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އެތަނުގެ މުވައްޒަފުން ކަމަށް ކައުންސިލު މެމްބަރަކު ވިދާޅުވެއްޖެ އެވެ.
މަކިޓާ އިންޓަރ އެޓޯލް އެތުލެޓިސް މީޓުގައި ބައިވެރިވި ބައެއް ޓީމުތަކުން ސްޓޭޑިއަމްގެ ގޮނޑުވުމާއި އެތަނުގައި ކުރަންޖެހޭ ބައެއް ކަންތައް ނުކުރެވި ހުރުމުން އެކަމުގެ ޒިންމާނަގަން ޖެހޭނީ ކުޅުދުއްފުށީ ކައުންސިލުން ކަމަށް ބުނުމުން އޭނާ ވަނީ ރައްދުދީފަ އެވެ.
ނަން ނުޖެހުމަށް އެދި ކައުންސިލަރަކު ބުނީ ސްޓޭޑިއަމަކީ ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ތަނަކަށް ވާއިރު އެތަނުގެ އިންތިޒާމްތައް ހަމަނުޖެހި، ތަން ގޮނޑުވުމުގެ ޒިންމާ ނަގަން ޖެހޭނީ އެތަނުގެ މުވައްޒަފުން ކަމަށެވެ.
އެތުލެޓިކްސް އެސޯސޭސަނުން އެނގި ކަންތައް ކައުންސިލުން ކޮށްދީފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެންމެ ފަހުން އިއްޔެ މުބާރާތް ފެށުނުއިރު އެތަން ސާފުނުކޮށް އޮތުމުންވެސް އެތަން ސާފުކުރުމަށް ވެސް ފޮނުވީ ކައުންސިލުގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސްޓޭޑިއަމްގެ މުވައްޒަފަކު ބުނީ އެތަނުގެ އެންމެ ބޮޑު މައްސަލައަކީ އެތަނުގެ މަސައްކަތު މީހުން އެތަނުންގެ ވެރިން އަންގާގޮތަށް މަސައްކަތް ނުކުރުން ކަމަށެވެ.
އޭނާ ބުނީ އެތުލެޓިކްސް މީޓަށް ޓުރެކާއި ތަން ފާސްކޮށް، ވިނަ ނޮޅަން ވަރަށް ކުރިން މަސައްކަތު މީހުންނަށް އެނގިކަމަށާއި އެހެންނަމަވެސް އެމީހުން އެގޮތަށް އަމަލުނުކުރާ ކަމަށެވެ. އޭނާ ބުނީ މަސައްކަތު މީހުން މަސައްކަތަށް ފަރުވާކުޑަވުމުން މީގެ ކުރިންވެސް އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާނޭ ކަމަށެވެ. އަދި މިފަހަރުވެސް މަސައްކަތް މީހުންގެ މައްސަލަ ޔޫތު މިނިސްޓްރީއަށް ހުށަހަޅާނެ ކަމަށް އޭނާ ބުންޏެވެ.