މޯލްޑިވްސް ކެޑޭޓް ކޯ އިން ބޭއްވި ރީޖަނަލް ކެޑޭޓްގެ އުތުރުގެ ކޭމްޕު ނިމި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްފިއެވެ.
ޖަލާލުއްދީން ސްކޫލް ހޯލުގައި މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުހައްމަދު ޝުއައިބު އެވެ. އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ބައެއް އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
މި ރަސްމިއްޔާތުގައި ކޭމްޕުގައި ބައިވެރިވި ދަރިވަރުންނަށާއި އިންސްޓްރަކްޓަރުންގެ އިތުރުން ޓީޗަރުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައިއެވެ. އަދި ކޭމްޕުގައި ބައިވެރިވި ޕްލެޓޫންތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްލެޓޫން، “އަލްފާ”އަށް ތަށި ހަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް މަހުދީ ޝާހިދު ވިދާޅުވީ މި ކޭމްޕުގައި ދަރިވަރުންނަށް ރަނގަޅު ފިލާވަޅެއް ލިބިގެންދިޔަ ކަމަށޤ އުންމީދު ކުރާ ކަމަށެވެ. އަދިި މި ކޭމްޕު ބޭއްވުމުގައި އެމްއެންސީސީގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެފަރާތައް ވަނީ މަހުދީ ޝުކުރު އަދާކޮށްފައިއެވެ.
މީގެ އިތުރުން އިތުރު ޓްރެއިންނިންގ އަކަށް ފުރުސަތު އެ ސްކޫލަށާއި އިތުރު ސްކޫލްތަކަށް ލިބިފައިވާ ކަމަށާއި އެ ޓްރެއިނިން އެޕްރިލް މަހުގެ 1 ވަނަ ދުވަހު ބޭއްވުމަށް ޓާގެޓް ކުރެވިފައިވާ ކަމަށްވެސް މަހުދީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޖުމްލަ 59 ދަރިވަރުންނާއެކު މިދިޔަ ހޮނިހިރު ޖަލާލުއްދީން ސްކޫލުގައި ފެށި މި ކޭމްޕުގައި އެ ސްކޫލުގެ 31 ކެޑޭޓަކާއި ހއ އަތޮޅު ތައުލީމީ މަރުކަޒުގެ 10 ކެޑޭޓަކާއި ށ ފުނަދޫ ސްކޫލުގެ 18 ކެޑޭޓުން ބައިވެރިވެ އެވެ. މީގެ ތެރެއިން 18 ކުދިންނަކީ އަންހެން ކެޑޭޓުންނެވެ.
މޯލްޑިވްސް ކެޑޭޓް ކޯ އިން އަލަށް ފެށި ރީޖަނަލް ކެޑޭޓް ކޭމްޕު ތަކަކީ އެއްފަހަރާ ރާއްޖެ 3 ސަރަހައްދެގައި ކުރިއަށްގެންދެވުނު ކޭމްޕްތަކެކެވެ.