ކުޅުދުއްފުއްޓާ މެދު ސަރުކާރުން ވަނީ އިންތިހާ ދަރަޖައަށް އިހުމާލުވެފަކަމަށާއި މިފަދަ ދަނޑިވަޅަކަށް ގޮސްފައިވާ ވަނިކޮށް އެއަޑުތައް އުފުލާލަ ދެވޭ ވަރުގެ ހިތްވަރު ކުޅުދުއްފުށީ ރައްޔިތުންގެ ކިބައިގައި އެބަހުރިކަމަށް ހދ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.
ރޭ ކުޅުދުއްފުށީ އެމްޑީޕީ ޗާންދަނީ ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބުދުލް ލަތީފް ވިދާޅުވީ ކުޅުދުއްފުއްޓަށް ސަރުކާރުން ވަމުންދާ އިހުމާލާ ދެކޮޅަށް އަޑު އުފުލާ މިހާރު މިއޮތް ސަރުކާރު ގާނޫނީ ހަމަތަކުގެ މަތިން ބަދަލުކުރުމަށްޓަކާ ކުރެވެން ހުރި ހުރިހާ މަސައްކަތެއް އެމްޑީޕީގެ ކުޅުދުއްފުށީ ރައްޔިތުން ކުރާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.
” ކުޅުދުއްފުއްޓަށް ދިވެހި ސަރުކާރުން ވަމުންދާ އިހުމާލުތައް އިންތިހާ ދަރަޖައަށް ގޮސްފައިވާ ދަނޑިވަޅެއްގައި އެ އަޑުތައް އުފަލާލެވޭނެ ވަރު ހިތްވަރެއް ކުޅުދުއްފުށި ރައްޔިތުންގެ ކިބައިގައި ނެތް ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވަމުންދޭ، އެހެންނަމަވެސް ބޮޑުތިލަދުންމަތީގެ ހޫނު ލޭ ހިނގަމުންދާ އެންމެހާ ރައްޔިތުން މި ތިބީ އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީގައި، އެމްޑީޕީގެ މީހުންގެ ގައިގައި އެވަނީ ބޮޑު ތިލަދުންމަތީގެ އެ ހިތްވަރު ގަދަ ލޭ. އަޅުގަނޑުމެން ކުޅުދުއްފުއްޓަށް ދިވެހި ސަރުކާރުން މި ވަމުންމިދާ އިހުމާލާ ދެކޮޅަށް އަޑު އުފުލާ ދިވެހި ސަރުކާރު މިހާރު މި އޮތް ސަރުކާރު ގާނޫނުގެ ހަމަތަކުގެ މަތިން ބަދަލުކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އެމްޑީޕީގެ މި ކުޅުދުއްފުށީގެ ރައްޔިތުން ކުރޭނެ ކަމާމެދު އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން ” ލަތީފް ވިދާޅުވި އެވެ.
2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމިން އިގްތިސާދީ މާހިރެއް ކަމަށް ދައުވާ ކުރަމުން ދިވެހި ރާއްޖޭގެ ވެރިކަމާ ހަވާލުމަށްފަހު ވަރަށް ތަފާތު ވައުދުަކެއް ކުޅުދުއްފުށި ރައްޔިތުންނަށް ވަމުން ދިޔައީ އެހެންނަމަވެސް އެއިން އެއްވެސް ވައުދެއް ފުދެގެންނެއް ދިޔަތަނެއް ނުފެންނަކަށް ކަމަށް ލަތީފް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވީ ވައުދުތައް މުޅިންވެސް ވެގެން ދިޔައީ ހުވަފެންތަކަކަށް، އޭގެ ތެރެއިން އެއް ވައުދަކީ ކުޅުދުއްފުށީގައި ދެ އަހަރުގެ ތެރޭގައި އެއާޕޯޓެއް އަޅާނެ ވާހަކަ އެވެ. އެހެންނަމަވެސް ދެ އަހަރުވެގެން ދިޔައިރުވެސް ކުޅުދުއްފުށީގައި އެ އެއާޕޯޓު އަޅަންބުނިތާ އޮތީ ހަމަ އެ ފެންގަނޑު ކަމަށް ލަތީފް ވިދާޅުވި އެވެ.