ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށާއި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލުމާއެކު 30،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިމަހު 13 ވަނަދުވަހު މި ހުކުމް އިއްވާފައި ވަނީ ދެކުށްވެސް ސާބިތުވުމާ ގުޅިގެން ހދ. ކުޅުދުއްފުށި، ލީބިޔާ، ޙަސަން ޢަލީ (22އ) ގެ މައްޗަށެވެ.
ދައުލަތުން ޙަސަން ޢަލީގެ މައްޗަށް ކުޑަކުއްޖަކާއެކު ޖިންސީއަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ޙަސަން ޢަލީ 2014 ޖެނުއަރީ 12 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކުޑަކުއްޖަކާ ޖިންސީއަމަލެއް ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.
ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، ޙަސަން ޢަލީ މި ދައުވާއަށް އިންކާރު ކުރި ނަމަވެސް، ދައުވާ ސާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހެޅި ހެތްކަށް ބަލާއިރު، ދައުލަތުގެ ދައުވާ އެއްވެސް ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާތީ، 2016 މާރިޗް 13 ވަނަ ދުވަހުން ފެށިގެން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް ކުރާ ކަމަަށެވެ.
އޭގެ އިތުރުން، ދައުލަތުން ހަސަން އަލީގެ މައްޗަށް އުފުލާފައިވާ ޑައިމޯފިނުން ޓްރެފިކްކުރުމުގެ ދައުވާ އުފުލާފައިވަނީ، ހަސަން އަލީ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު 2014 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ލިބުމާގުޅިގެން ކުޅުދުއްފުށީ ގެއެއްގެ ކައިރީގައި ހަސަން ހުއްޓައި ހައްޔަރުކޮށް ބަލައި ފާސްކުރި އިރު ހަސަން އަލީ ލައިގެންހުރި ގަމީހުގެ ޖީބުން ފެނުނު ބޮޑު ރަބަރު ޕެކެޓްތެރޭގައި ޑައިމޯފިން އަޅާފައިހުރި 22 ރަބަރު ޕެކެޓް ފެނިފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ދައުވާ ބެލުމަށްފަހު، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، ދައުލަތުގެ ދައުވާއަށް ޝަރީއަތުގެ މަޖިލީހުގައި ޙަސަން ޢަލީ އިއުތިރާފުވެފައިވާތީ، މި ދައުވާ ޝަރީއަތަށް ސާބިތުވާކަމަށް ކަނޑައަޅައި 15 އަހަރުދުވަހުގެ މުއްތަށް ޖަލަށްލުމާއެކު 30،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ހުކުމް ކުރާކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން މި ހަފްތާ ތެރޭގައި ގޮއިދޫއިން 39 އަހަރުގެ މީހަކު މައްޗަށް 15 އަހަރުގެ ޖަލު ހުކުމް ކުޅުދުއްފުށި ކޯޓުން އިއްވާފައިއެވެ. އަދި ކުޑަ ކުއްޖަކާ ބެހިގެން 51 އަހަރުގެ ކުޅުދުއްފުށި މީހަކު ހައްޔަރުކޮށް 15 ދުވަހު ބަންދުގައި ބެހެއްޓުމަށްވެސް ކުޅުދުއްފުށި ކޯޓުން އިއްވާފައިވެއެވެ.