twitterviber whatsapp telegramfacebookyoutube instagram
18th May 2024

އެކިދުވަސްމަތިން ކުޑަކުއްޖަކާއެކު ޖިންސީއަމަލު ހިންގި ކުޅުދުއްފުށި މީހަކު 15 އަހަރަށް ޖަލަށް

Mar 30, 2016

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާއެކު ޖިންސީއަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 15 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ކުޅުދުއްފުށި ކޯޓުން 2016 މާރިޗް 17 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ކުޅުދުއްފުށި، އިރުޒުވާގެ، އަޙްމަދު އިބްރާހީމް (38އ) ގެ މައްޗަށެވެ.

ދައުލަތުން އަޙްމަދު އިބްރާހީމްގެ މައްޗަށް، އިތުބާރުކުރެވޭ މަޤާމެއްގައިހުރެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ، ތަފާތު އެކި ދުވަސްމަތިން ގަދަކަމުން ކުޑަކުއްޖަކާއެކު ޖިންސީއަމަލެއް ހިންގާފައިވާ މައްސަލައާ ގުޅިގެންނެވެ.

މިދައުވާ ބެލުމަށްފަހު ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނަނީ، އަޙްމަދު އިބްރާހީމް މި ދައުވާއަށް އިންކާރުކުރި ނަމަވެސް، ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޝަރީއަތަށް މިދައުވާ ސާބިތުވާ ކަމަށެވެ.

އަޙުމަދު އިބްރާހީމްގެ މައްޗަށް މިފަދަ ޖިނާޢީ ކުށެއް ޝަރީއަތަށް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށްވާތީ އަޙްމަދު އިބްރާހީމް 15 އަހަރުގެ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރާކަމަށްވެސް ހުކުމުގައިވެއެވެ.

މީގެ އިތުރުން ކުޅުދުއްފުށި ލީބިޔާ، ޙަސަން ޢަލީ (22އ) މައްޗަށްވެސް ކުޑަކުއްޖަކާއެކު ޖިންސީއަމަލެއް ހިންގުމުގެ ކުށާއި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމުގެ ހުކުމް ކުޅުދުއްފުށި ކޯޓުން އިއްވާފައިއެވެ.

ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން މި ހަފްތާ ތެރޭގައި ގޮއިދޫއިން 39 އަހަރުގެ މީހަކު މައްޗަށް 15 އަހަރުގެ ޖަލު ހުކުމް ކުޅުދުއްފުށި ކޯޓުން އިއްވާފައިއެވެ. އަދި ކުޑަ ކުއްޖަކާ ބެހިގެން 51 އަހަރުގެ ކުޅުދުއްފުށި މީހަކު ހައްޔަރުކޮށް 15 ދުވަހު ބަންދުގައި ބެހެއްޓުމަށްވެސް ކުޅުދުއްފުށި ކޯޓުން ހުކުމްކޮށްފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355