ނަރުހުން ނެތުމުން ށ.ނަރުދޫ ސިއްހީ މަރުކަޒު ފާރުގައި ސްޕްރޭ ބޭނުން ކޮށްގެން ބަޔަކު ލިޔެފި އެވެ.
މިނޫހަށް މައުލޫމާތު ދެމުން ނަރުދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ނަރުހުން ނެތުމުގެ މައްސަލާގައި އަތޮޅު ހޮސްޕިޓަލާއި ވެސް މަޝްވަރާކުރެވިފައިވާ ކަމަށާއި އެފަރާތުން ހެލްތް މިނިސްޓްރީއަށް ވެސް މި މައްސަލަ ހުށައަޅާފައި ވާ ކަމަށެވެ. ސިއްހީ މަރުކަޒުގައި 3 ނަރުހުން މަސައްކަތް ކުރާ ކަމަށާއި ނަމަވެސް މިވަގުތު އެތަނުގައި މަސައްކަތް ކުރަމުންދަނީ އެންމެ ނަރުހެއްކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭގެ އިތުރުން އެތަނުގައި ވޮޗަރެއްނެތް މައްސަލަވެސް ވަނީ ފާރުގައި ލިޔެފަ އެވެ. އެކަމާ ބެހޭގޮތުން އޮފިޝަލް ވިދާޅުވީ މިދިޔަ އަހަރުން ފެށިގެން އެތަނުގައި ވޮޗަރެއް ހުންނަ ކަމަށާއި އެހެންނަމަވެސް ފާއިތުވި 4 މަހު އެމަގާމު އޮތީ ހުސްކޮށްކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި މައްސަލަތަކާއި ބެހޭގޮތުން ނަރުދޫ ކައުންސިލާވެސް ފެބްރުއަރީ މަހު ތެރޭ މަޝްވަރާ ކުރެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަރުދޫ ކައުންސިލްގެ ނައިބް ރައީސް އަބްދުﷲ އަޒްމީ ވިދާޅުވީ ނަރުދޫ ސިއްހީ މަރުކަޒުގައި ނަރުހުން ނެތް މައްސަލަ ކައުންސިލްގެ ފަރާތުން ހެލްތް މިނިސްޓްރީއަށް ހުށައަޅާފައިވާނީ މާރޗުމަހު ކުރީ ކޮޅު ކަމަށާއި އެހެންނަމަވެސް އެ މިނިސްޓްރީން އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށް ލިބިފައި ނުވާ ކަމަށެވެ.
ނަރުދޫ ސިއްހީ މަރުކަޒުން މައުލޫމާތު ދިން ގޮތުގައި ނަރުހުންނާއި ވޮޗަރަކަށް ޑިމާންޑްކޮށް ސްޕްރޭ ބޭނުން ކޮށްގެން ފާރުގައި ލިޔެފައިވަނީ އޭޕްރިލް 2 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގަ އެވެ.