ބީއެމްއެލްއިން ލުއި ޕްރޮފެޝަނަލް ނަމުގައި އައު ލޯނެއް ތައާރަފްކޮށްފި އެވެ.
ފަންސާސް ހާސް ރުފިޔާ އާއި އެއްލައްކަ ރުފިޔާއާ ދެމެދު ދޫކުރެވޭ މިލޯނަކީ ވަޒީފާގައި އުޅޭ ފަރާތްތަކަށް ހާއްސަކޮށްގެން، ލުއި އެކްސްޕްރެސް ލޯނަށް ވުރެ މަތީ އަދަދުތަކުގެ ލޯނު ނަގަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުމުގެ ގޮތުން ތައާރަފް ކުރެވުނު ލޯނެއް ކަމަށް ބޭންކުން މައުލޫމާތު ދެއެވެ.
ރަހުނަކާނުލާ 15 ފަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައި އަދި ރަހުނެއް ބަހައްޓާނަމަ 11.75 ޕަސެންޓްގައި ދޫކުރާ މިލޯނަށް ރަހުނުގެ ގޮތުގައި 4 ފުރޮޅު ލީ އުޅަނދުވެސް ހުށައެޅޭނެ އެވެ.
މި ލޯނު އެއްކޮށް އަނބުރާ ދެއްކުމުގެ މުއްދަތަކީ 5 އަހަރެވެ. މި ލޯނު ނެގޭނީ މުސާރާގެ ގޮތުގައި މަދުވެގެން ދިހަ ހާސް ރުފިޔާ ލިބޭ ފަރާތްތަކަށެވެ.
މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ ހައުސިންގ ލޯނުތަކުގެ އިންޓެރެސްޓް ރޭޓުންވެސް ވަނީ މިހަފްތާގައި ދެ ޕަސެންޓް ކުޑަކޮށްފަ އެވެ. އަދި ޕާސަނަލް ލޯނުތަކުން ހަ ޕަސެންޓްއަށް ކުޑަކޮށް ރާއްޖޭގެ އެެންމެ ކުޑަ އިންޓަރެސްޓާއެކު ވަނީ ލޯނު ދޫކުރަން ފަށާފަ އެވެ.
އެގޮތުން ކުރިން 11 ޕަސެންޓުގެ އިންޓެރެސްޓް ރޭޓެއްގައި ބީއެމްއެލްއިން ދޫކުރި ހޯމް ލޯން މިހަފްތާއިން ފެށިގެން ދޫކުރާނީ ނުވަ ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ އިންޓެރެސްޓު ރޭޓުގަ އެވެ. ހޯމް ކޮންސްޓްރަކްޝަން ލޯން މީގެ ކުރިން 11.5 ޕަސެންޓް އިންޓެރެސްޓް ރޭޓުގައި ދޫކުރި އިރު، މިހާރު އެ ލޯނުތައް ދޫކުރާނީ 9.50 ޕަސެންޓާއި 10.50 ޕަސެންޓާ ދެމެދުގެ ރޭޓެއްގަ އެވެ.
އަދި 12 ޕަސެންޓުގައި ދޫކުރި ރިއަލް އެސްޓޭޓް ލޯނު މިހާރު ދޫކުރަނީ 10 ޕަސެންޓާއި 11 ޕަސެންޓުއާ ދެމެދުގެ އިންޓެރެސްޓް ރޭޓެއްގަ އެވެ. އަދި މި ތިން ލޯނު ވެސް އަނބުރައި ދެއްކުމުގެ މުއްދަތަކީ 20 އަހަރެވެ.
މީގެ އިތުރުން ލުއި އެކްޕްރެސް ލޯނުގައިވެސް މިހާރު ރަހުނެއް ހުށައަޅާނަމަ އިންޓަރެސްޓް ރޭޓް 18 ޕަސެންޓުން 11.75 ޕަސެންޓްއަށް ކުޑަ ވާނެ އެވެ.