މާލެއާއި ހުޅުލެއާއި ދެމެދު ގާއިމްކުރެވޭ ބްރިޖް ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އަޅާފައިވާ އުރީދޫގެ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް މާލެ އާއި ގުޅުވާލަދޭ ލިންކު އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.
މިދިޔަ މާޗު މަހުގެ 30 ގައި ހައުސިންގ މިނިސްޓްރީގެ އެދުމުގެ މަތިން ފެށި މި މަސައްކަތް ނިންމާލާފައި ވާއިރު އެއްވެސް ހިދުމަތަކަށް ބުރޫއެއް އަރާފައި ނުވާ ކަމަށް އުރީދުއިން ބުނެއެވެ.
އެގޮތުން އެ މަސައްކަތް ކުރިއަށް ގެންދިޔައިރު އެކުންފުނީގެ އެއްވެސް ހިދުމަތެއް މެދުނުކެނޑޭނެކަން ކަށަވަރު ކުރުމަށްޓަކައި އެ ޕްރޮޖެކްޓްގެ ރިޑަންޑަންސީ ޕްލޭންގެ ދަށުން އުރީދޫއިން ވަނީ ބެކްއަޕެއްގެ ގޮތުގައި އެ ކުންފުނީގެ މައިކްރޮވޭވް ނެޓްވޯކްގެ ބޭނުން ހިފާފައެވެ.
އޭގެ އިތުރުން ދިވެހިރާއްޖޭގެ އިންޓަނެޓް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އުރީދޫއިން ދަނީ ރާއްޖޭގެ އުތުރުން ދެކުނަށް ފައިބަރު އޮޕްޓިކް ސަބްމެރިން ކޭބަލްއެއް އެޅުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
ފައިބަރު އޮޕްޓިކް ސަބްމެރިން ކޭބަލްގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަނެޓް ޚިދުމަތުގެ ފެންވަރަށް ފާހަގަކުރެވޭނެ ބޮޑު ކުރިއެރުމެއް ލިބި ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް އެއް ފެންވަރެއްގައި، ވަރަށް ފުރިހަމަ ސްޕީޑެއްގައި ފައިބަރު އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.
އުރީދޫއަށް ރާއްޖޭގައި އިންޓަނެޓް ސާވިސް ޕްރޮވައިޑަރެއްގެ ލައިސެންސް ލިބިފައިވުމާއި އެކު ކައިރި މުސްތަގްބަލެއްގެ ތެރޭގައި އެކުންފުނިން ފިކްސްޑް ލައިން އިންޓަނެޓްގެ ހިދުމަތްދޭން ފަށާނެ ކަމަށްވެސް މައުލޫމާތު ދެއެވެ.