ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވެ ހައުސިންގ މިނިސްޓަރ މުއިއްޒު އިއްޔެ ރައްޔިތުން މަޖިލީހުގައި އިތުރުފުޅު ހައްދަވައިފި އެވެ.
އައްޑޫ ސިޓީގެ މަގު ހެދުމުގެ މަސައްކަތްތަކާ ގުޅޭ ގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު މުއިއްޒާ ކުރެއްވި ސުވާލާ ގުޅިގެން މިނިސްޓަރު މުއިއްޒު ވިދާޅުވީ ރާއްޖޭގެ ވިހި ރަށެއްގެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި 20 ރަށުގެ ތެރޭގައި ކުޅުދުއްފުށީ ވެސް ހިމެނެ އެވެ. އިތުރަށް މިނިސްޓަރު މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް 2017 ވަނަ އަހަރުގެ މެއި މަހު ނިންމާލެވޭނެ ކަމަށެވެ.
މިނިސްޓަރު މުއިއްޒު މިހެން ވިދާޅުވި ނަމަވެސް 2010 ވަނަ އަހަރު ފެށި ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް 2014 ވަނަ އަހަރު ވަނީ ހުއްޓިފަ އެވެ.
ކުޅުދުއްފުށީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ 2010 ވަނަ އަހަރު އޯގަސްޓްމަހުގެ ތެރޭގައި އޭރުގެ ރައީސް މުހައްމަދު ނަޝީދެވެ. އޭރު އޮތީ ގައު އަތުރައިގެން ކުޅުދުއްފުށީގެ މައި މަގުތައް ހަދާގޮތަށެވެ. ނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގައި ވެސް އަމީނީމަގުގެ ގައު އެތުރުމުގެ މަސައްކަތް ފެށުމަށްފަހު، މަގުގެ ޑިޒައިނަށާއި ގަލުގެ ބަދަލުގައި ތާރުއަޅަން ނިންމިއެވެ. އަމީނީމަގުގައި ތާރު އަޅައި ނިންމީ ރައީސް ވަހީދުގެ ވެރިކަމުގައި އެވެ.
އަމީނީމަގުގެ މަސައްކަތް ނިމުނުތަނާހެން ކުޅުދުއްފުށީ ބަންޑާރަމަގުގެ މަސައްކަތް ފެށުމަށް އިއުލާނުކުރެއްވި އެވެ. އަދި ރައީސް ވަހީދުގެ ވެރިކަމުގައި ހދ. ހަނިމާދޫގެ މަގުތައް ވެސް ރަނގަޅު ފެންވަރަކަށް ހެދުމަށް އިއުލާނު ކޮށްފައި ވެއެވެ. އެހެން ނަމަވެސް އެރަށުގެ އެއްވެސް މަގެއް މިހާތަނަށް ހެދިފައެއް ނުވެ އެވެ. އަދި އަމަލީ މަސައްކަތް ފަށާފައެއްވެސް ނުވެ އެވެ.
ރައީސް ވަހީދަށް ފަހު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ފުރަތަމަ އަހަރުގެ ތެރޭގައި، ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުޅުދުއްފުށީ ބަންޑާރަމަގުގެ އަމަލީ މަސައްކަތް ފެއްޓިއެވެ. އެހެން ނަމަވެސް އެމަގުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.