އެއްހާސް ފޮޓޯގުރާފަރުންނާއި އެއްހާސް ކޭޝިއަރުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ސަރުކާރުން ފަށައިފި އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތަހު ކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި ޕްރޮގްރާމަކީ ވަޒީފާގެ ފުރުސަތުތައް އިތުރުކޮށް ޒުވާނުން ބާރުވެރި ކުރުވާ ގައުމުގެ އިގްތިސާދީ ތަރައްގީއަށް ހިދުމަތް ކުރަމުން އަމިއްލަ ފުދުންތެރިކަން އިތުރުކުރަން ބޭނުންވާ ޒުވާނުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް ސަރުކާރުން ފެށި ޕްރޮގްރާމެކެވެ.
ސަރުކާރުން ވަނީ ފޮޓޯގުރާފަރުންނާއި ކޭޝިއަރުންގެ ދާއިރާއަކީ ދިވެހިންނަށް ހާއްސަ ދެ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އަދި އެ ދެ ޕްރޮގްރާމް ނިންމާ ބައިވެރިންނަށް ގައުމީ ސެޓްފިކެޓް ތިނެއް ނުވަތަ ހަތަރެއް ގެ ސެޓްފިކެޓެއް ލިބޭނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެ ޕްރޮގްރާމުން ސެޓްފިކެޓް ފަހެއް އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ވެސް ފެށިގެންދާނެ ކަމަށް އެޑިއުކޭޝަނުން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން ފާމަސިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވި 700 ދަރިވަރުން ބައިވެރިވެ 400 ދަރިވަރަކު ކޯސް ފުރިހަމަކޮށްފައިވާއިރު، ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޯސްތަކުގައި 2000 އަށްވުރެއް ގިނަ ޒުވާނުން ތަމްރީން ހޯދަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެެވެ.
ފޮޓޯގުރާފަރުން ތަމްރީން ކުރުމުގެ ކޯހުގެ ބައިވެރިވާ ކޮންމެ ބައިވެރިއަކަށް އެއް އަހަރު ތެރޭގައި ފައިސާ އަނބުރާ ދައްކާގޮތަށް ކެމެރާއެއް ލިބޭނެ ޕެކޭޖެއް އެކޮނޮމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ. އަދި އެ ކޯހުގެ ބައިވެރިންނަށް ޕްރޮފެޝަނަލް ފޮޓޯގްރާފަރަކާއެކު އިންޓާންޝިޕް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.