މިރޭ ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑް ސިއްސުވާލުމަށްފަހު ވޫލްފްސްބާގް މެޗު ކާމިޔާބުކުރިއިރު ޕީއެސްޖީ އަދި ސިޓީގެ މެޗު އެއްވަރު
ވެއްޖެ އެވެ.
ނޮކް އައުޓް ސްޓޭޖަށް މުޅިން އަލަށް ދަތުރުކުރި ވޫލްފްސްބާގް ގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. މި މެޗުގެ ފުރަތަމަ ލަނޑަކީ ވޫލްފްސްބާގް އަށް ލިބުނު ޕެނަލްޓީއެއްގައި ރިކާޑޯ ރޮޑްރިގޭޒް ކާމިޔާބުކޮށްދިން ލަނޑެކެވެ. މިއީ މެޗުގެ 17 ވަނަ މިނެޓްގައި ވޫލްފްސްބާގް ގެ އެންޑުރޫ ޝާލްއަށް ރިއަލްގެ ކަސަމީރޯ ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެކެވެ.
މި މެޗުގެ ދެވަނަ ލަނޑަކީ ވޫލްފްސްބާގްގެ ބުރޫނޯ ހެންރިކޭ ތިރިތިރިން ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސް ކޮށްލީ ބޯޅައެއްގައި މެކްސިމިލިއަން އާނޯލްޑް ކާމިޔާބުކޮށްދިން ލަނޑެކެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ 25 ވަނަ މިނެޓްގަ އެވެ.
މިރޭ ކުޅުނު އަނެއް މެޗުގައި ކުއާޓަރ ފައިނަލަށް މުޅިން އަލަށް ދަތުރުކުރި މެންޗެސްޓަރ ސިޓީއިން ވަނީ ރަށުން ބޭރުގައި 2-2 އިން ޕީއެސްޖީއާ އެއްވަރުކޮށްފަ އެވެ. މި މެޗުގެ 14 ވަނަ މިނެޓްގައި ޕީއެސްޖީއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ސިޓީގެ ކީޕަރ ޖޯ ހާޓް ވަނީ އިބްރާހިމޮވިޗް ޖެހި ޕެނަލްޓީ ދިފާއުކޮށްފަ އެވެ. މީގެ އިތުރުން 24 ވަނަ މިނެޓްގައި އިބްރާހިމޮވިޗަށް މުޅިން ހުސް ފުރުސަތެއް ލިބުނުއިރު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި މަތިން ބޭރަށެވެ.
މެޗުގެ 38 ވަނަ މިނެޓްގައި ފެނާންޑީނިއޯ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ކެވިން ޑި ބުރުއިން ލަނޑެއް ޖަހާ ސިޓީއަށް ލީޑު ހޯދައިދިން ނަމަވެސް ޕީއެސްޖީގެ އިބްރާހިމޮވިޗް ވަނީ އޭގެ ތިން މިނެޓް ފަހުން ފެނާންޑޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.
58 ވަނަ މިނެޓްގައި ޕީއެސްޖީއަށް ލިބުނު ކޯނަރެއްގައި ތަނަވަސްވި ފުރުސަތެއްގައި އެޑްރިއަން ރެބިއޮޓް ޕީއެސްޖީއަށް ލީޑު ހޯދައިދިންއިރު ސިޓީއިން އެއްވަރުކުރީ 72 ވަނަ މިނެޓްގައި ފެނާންޑީނިއޯ އެވެ.
މިރޭ ކުޅުނު މެޗުތަކުގެ ދެވަނަ ލެގު އޮންނާނީ އޭޕްރީލް 12 ގަ އެވެ.