އިންޑިއާގެ ކެރެލާ ސްޓޭޓްގެ ފައްޅިއެއްގައި ރޯވެ 100 އެއްހާ މީހުން މަރުވެ ގިނަ ބަޔަކު ޒަހަމްވެއްޖެ އެވެ.
މިއަދު އިންޑިއާ ގަޑިން ދަންވަރު 3:30 ހިނގި މި ހާދިސާގައި ދުއިސައްތައެެއްހާ މީހުން ޒަހަމްވެފައިވާ ކަމަށް މިހާތަނަށް ރިޕޯޓް ކުރެވުނު އިރު މަރުވި މީހުންގެ އަދަދު ދަނީ އިތުރު ވަމުންނެވެ. އަދި ޒަހަމްވި މީހުންނަށް ތްރިވަންތަޕޫރަމް މެޑިކަލް ކޮލެޖްގައި އަންނަނީ ފަރުވާ ދެވެމުންނެވެ.
ހިންދޫންގެ އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ހަވާ އެރުވުމުގެ ތެރޭގައި ހިނގި މިހާދިސާ މެދުވެރިވީ އެ ސަރަހައްދުގައި ބަހައްޓާފައި ހުރި ހަވާތަކެއްގައި އެއްފަހަރާ ރޯވެ ގޮވައިގެން ކަމަށް ރިޕޯޓުކުން ބުނެއެވެ.
ހަދިސާގައި ޒަހަމްވި މީހުންގެ ފަރުވައަށް ކަރްނާޓަކާގެ ހާއްސަ މެޑިކަލް ޓީމެއް މިހާރު އެ ސަރަހައްދަށް ފޮނުވާފައިވާއިރު ކެރެލާ ސްޓޭޓްގެ ހޯމް މިނިސްޓަރ ވަނީ މިހާދިސާ ތަހްޤީޤް ކުރުމަށް ގޮވާލައިފައެވެ.
ހާދިސާގައި ދުމުގެ އަސަރު އެ ސަރަހައްދާއި އެއްކިލޯމީޓަރުގެ ގެތަކަށް ކޮށްފައި ވާއިރު ފުލުހުންނާއި ފަޔާފައިޓަރުންގެ އެހީގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައިއެވެ.
ކޮންމެ އަހަރުަކުވެސް ހިންދޫންގެ އާއަހަރު ފާހަގަކުުރުމަށް ބަޑިބޭހުގެ ކުޅިވަރުތައް އެ ފައްޅީގައި ބާއްވަމުން އަންނައިރު މިއަހަރުގެ ފެސްޓިވަލްގައި ބަޑިބޭސް ބޭނުން ކުރުމުގެ ހުއްދަ ކެރެލާގެ ފުލުހުން ދީފައެއް ނުވެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯޑީ ތައުޒިޔާ ފޮނުވާފައިވާއިރު އަލިފާނުގެ ހާދިސާ ހިނގި ކެރެލާ ސްޓޭޓްއަށް ޒިޔާރަތްކުރެއްވުމަށް މޯދީ ވަނީ ނިންމަވައިފައެވެ. އަދި މި ހާދިސާގެ ސަބަބުން ގިނަ ބަޔަކު ހިތާމަ ފާޅުކުރަމުން ދާއިރު ހާދިސާގެ ސަބަބުން ކެރެލާ ސްޓޭޓްގައި މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ގިނަ ޕަބްލިކް އިވެންޓުތައް ވަނީ ކެންސަލް ކުރެވިފައިއެވެ.