ނޫސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ނޫސްވެރިކަމަށް ހުރި ކަންބޮޑުވުންތައް ހިމަނައިގެން ގިނަ ނޫސްވެރިންތަކެއް ސޮއެކޮށްފައިވާ ޕެޓިޝަނެއް ދައުލަތުގެ ތިން މުއައްސަސާއަކަށް މިއަދު ހުށަހަޅައިފި އެވެ.
ރާއްޖޭގެ 11 މީޑިއާ ގްރޫޕްކުން 183 ނޫސްވެރިން ސޮއެކޮށްފައިވާ އެ ޕެޓިޝަން ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ސުޕްރީމް ކޯޓު އަދި ރައްޔިތުންގެ މަޖިލީހަށެވެ.
މީޑިއާއަށް މައުލޫމާތު ދެމުން ޕެޓީޝަން ތައްޔާރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ނޫސްވެރިންގެ ވޯކިން ގްރޫޕުން ބުނީ، ތިން މުއައްސަސާއިން ވެސް ޕެޓިޝަން ބަލައިގެންފައިވާ ކަަމަށާއި، ރަނގަޅު ނަތީޖާއެއް ނުކުންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
މޯލްޑިވްސް އިންޑެޕެންޑެންޓުގެ އެޑިޓަރު އަދި ވޯކިން ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޒަހީނާ ރަޝީދު ވިދާޅުވީ އެ ޕެޓިޝަނުގައި 200 އެއްހާ ނޫސްވެރިން ސޮއިކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއަދު ހުށައެޅު ޕެޓިޝަނުގައި ނޫސްވެރިކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ނޫސްވެރިކަމަށް ހުރި ކަންބޮޑުވުންތަ ހާމަކޮށްފައިވާއިރު ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލާ ނޫސްވެރިންނަށް މަސައްކަތް ކުރާނެ އަމާން މާހައުލެއް ގާއިމްކޮށް މިހާރުން މިހާރަށް އަޅަންޖެހިފައިވާ ފިޔަވަޅުތައް އަޅައިދިނުމަށް ގޮވާލާފައިވެއެވެ. އެގޮތުން މައިގަނޑު 9 ކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ:-
1- ވަގަށް ނަގާފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުاللهގެ މައްސަލައިގެ ފުރިހަމަ އަދި މިނިވަން ތަހުގީގެއްކޮށް، އެ މައްސަލާގައި ކުށްވެރިވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުން.
2- މީޑިއާއަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ ޢަމަލުތަކާއި ހަމަލާތަކުގެ މައްސަލަތައް ތަހުގީގުކޮށް، އެކަމުގެ ފަހަތުގައިވާ ފަރާތްތަކާ ދެކޮޅަށް ދަޢުވާކޮށް، އިންސާފުގެ ކުރިމައްޗަށް ގެންނަން ގޮވާލުން.
3- ބްރޯޑްކާސްޓަރުން ރެގިއުލޭޓްކުރާ މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނަށް ސިޔާސީ ޕާޓީއެއްގެ އެކްޓިވިސްޓުން އައްޔަނުކޮށްފައި ތިބުމަކީ، އެކޮމިޝަންގެ މުސްތަގިއްލުކަމާ މެދު ސުވާލު އުފެދޭނެ ކަމެއްކަމަށް ގަބޫލުކުރެވޭތީ އާއި، އެކަމާ މެދު މިހާރު ވެސް ރައްޔިތުންގެ މެދުގަ އާއި ނޫސްވެރީންގެ މެދުގައި ނުހަނު ކަންބޮޑުވުން އުފެދިފައި އޮތުމުން، އެ މުއައްސަސާގެ މުސްތަގިއްލުކަމާ މެދު ސުވާލު ނުއުފެދޭނެ ގޮތަކަށް އެކަން އިސްލާހުކުރަން އަވަސް ހައްލެއް ގެނައުން.
4- މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ރާއްޖެޓީވީ އަދި ސަންގުޓީވީއާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް މިނިވަންކަމާ އެކު ވަކި ފަރާތަކަށް ނުޖެހި، ކަމުގެ ހަގީގަތަށް ބުރަވެ ތަހުގީގުކޮށް ނިންމުން.
5- މީޑިއާތަކާއި ނޫސްވެރިންނަށް ހުރަސް އަޅާ، ބިރުދެއްކުމަށް ގޭންގްތަކާއި، ދީނީ އަދި ސިޔާސީ ގޮތުން ހައްދުފަހަނައަޅާފައިވާ ފަރާތްތަކުން ދެމުންދާ ނަފްސާނީ އަދި ޖިސްމާނީ ހަމަލާތައް، ހުއްޓުވަން ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކުން އެކަށީގެންވާ ފިޔަވަޅުތައް ނާޅާ މައްސަލަ.
6- ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ “އަބުރު ރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބިލް” އަކީ އޭގެ ސަބަބުން ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ވަރަށް ހަނިކޮށްފައިވާ ބިލެއް ކަމުން، އެބިލް ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލަން ގޮވާލުން.
7- ރާއްޖޭގައި ނެރެމުން އަންނަ އެންމެ ދުވަސްވީ ދުވަހު ނޫސް އަދި އޮންލައިން ކަމަށްވާ “ހަވީރު”ގެ މިލްކިއްޔާތާ މެދު އުފެދިފައިވާ މައްސަލައިގެ ސަބަބުން އެ މީޑިއާ ހުއްޓިފައި އޮންނަން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭން މެދުވެރިއެއްގެ ދައުރު ދައުލަތުން އަދާކުރުމަށް ގޮވާލުން.
8- ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރެއިން މި ސަރުކާރުގެ ވެރިކަމުގައި މިހާތަނަށް ހައްޔަރުކޮށްފައިވާ 24 ނޫސްވެރިންނާ ދެކޮޅަށް ބަލަމުންދާ މައްސަލަތައް ހުއްޓާލައި އެނޫސްވެރިންނާ ދެކޮޅަށް ދަޢުވާނުކުރުމަށް ގޮވާލުން.
9- ކޯޓުތަކުގެ އަޑުއެހުންތަކަށް ބައެއް މީޑިއާތަކަށް ނުވަދެވޭ ގޮތަށް ހެދުމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިވެންޓްތަކަށް އަމިއްލަ މީޑިއާތަކުގެ ނޫސްވެރިންނަށް ފުރުސަތު ނުދިނުމާއި، ވަކިވަކި މީޑިއާތައް އެކަހެރިކުރުމަށް ކުރެވޭ ކަންކަން އަދި ޖުމްލަކޮށް މިނިވަން ނޫސްވެރިކަމަށް ދައުލަތުގެ މުއައްސަސާތަކުން އަޅަމުންދާ ހުރިހާ ހުރަހެއް ނައްތާލަން ގޮވާލުން.
މީގެ އިތުރުން ނޫސްވެރިންނަށް އެފަދަ ނުރައްކާތެރި މާހައުލަކާ ކުރިމަތިލާން ޖެހިފައި ވަނިކޮށް، އެކަން ހުއްޓުވަން ދައުލަތުގެ މުއައްސަސާތަކުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ކޯޓުތަކާއި ޤާނޫނު ހަދާ މަޖިލީސް ފަދަ ދަޢުލަތުގެ މުއައްސަސާތަކުގެ ތެރެއިން ނޫސްވެރިންގެ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިކުރުވަން މަސައްކަތްކުރަމުން ދާ މަންޒަރު ފެންނަމުންދާކަން މި ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާ ދަރަޖައަށް ދަށަށް ގޮސްފައިވާ ކަމަށާއި އެ މިނިވަންކަން ރައްކާތެރިކުރަން އަވަސް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ގޮވާލާ ނޫސްވެރިން ވަނީ ހިމޭންކަމުގެ ހިނގާލުމެއް ވެސް މިދިޔަ ހުކުރު ދުވަހު މާލޭގައި ކުރިއަށް ގެންގޮސްފަ އެވެ.