ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ހުސެއިން ފިޔާޒް މޫސާގެ މައްޗަށް ދައުވާއެއް އުފުލައިފިއެވެ.
ދައުލަތުން ފިޔާޒްގެ މައްޗަށް އުފުލާފައިވަނީ، ފުލުހަކަށް ހަމަލާދިން ކަމުގެ ދައުވާ އެވެ.
އާ ގާނޫނުލް އުގޫބާތު ބުނާ ގޮތުން ފިޔާޒުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.
ފިޔާޒްގެ މައްޗަށް ދައުވާކޮށްފައި މިވަނީ މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވާތީ އެތަން ކަވަރު ކުރަން އުޅުމުގެ ތެރޭގައި ހިނގާ ދިޔަ ކަމެއްގެ ސަބަބުންނެވެ. އަދި އެ މައްސަލާގައި ފިޔާޒުވަނީ ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންގޮސްފައިއެވެ.
މީގެއިތުރުން ރާއްޖެ ޓީވީގެ ދެ ނޫސްވެރިންގެ މައްޗަށް ވެސް ދައުވާކޮށްފައިވެއެވެ. މުހައްމަދު ވިޝާމްއާއި ސްޕޯޓްސް ޖާނަލިސްޓް ލީވާން އަލީ ނަސީރުގެ މައްޗަށެވެ. މި ދެ ނޫސްވެރިންގެ މައްޗަށް ގާނޫނު ތަންފީޒުކުރާ މުއައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ ކޮށްފައި ވާއިރު އެ ދައުވާގެ އިތުރުން މުހައްމަދު ވިޝާމްގެ މައްޗަށް ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާވެސް ކޮށްފައިއެވެ.
ވިޝާމްއަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާ އުފުލާފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި އެމްޑީޕީ އަދި އަދާލަތު ޕާޓީން ބޭއްވި މުޒާހަރާއެއް ކަވާކުރަން އުޅުމުގެ ތެރެއިން އޭނާ ހައްޔަރުކުރި މައްސަލާގަ އެވެ. އަދި އޭގެ އިތުރުން މުލިއާގެ ސަރަހައްދުން ފެނުނު އައިއީޑީ ނައްތާލުމަށް ޓްރެކް ސަރަހައްދު ބަންދުކޮށްފައި ވާތީ އެތަން ކަވަރު ކުރަން އުޅުމުގެ ތެރެގައި ވެސް ވިޝާމް ހައްޔަރުކޮށްފައިވެއެވެ.