އިނގިރޭސި ޝާހީ ޢާއިލާގައި ހިމެނިވަޑައިގަންނަވާ ޕްރިންސް ވިލިއަމްސް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ބޮލީވުޑް އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
އެގޮތުން މި ކަނބަލުންގެ ޝަރަފުގައި ރޭ ވަނީ ބޮލީވުޑްގެ ގިނަ މަޝްހޫރު ފަންނާނުން ބައިވެރިވެ ވަރަށް ހާއްސަ ޕާޓީއެއް ބާއްވާފައިއެވެ. މި ހަފްލާގެ އެންމެ ކުރީގައި ތިބެ ޝާހްރުކް އަދި އަޝްވަރްޔާ ޝާހީ ދެކަނބަލުންނަށް ޝަރަފުވެރިކަމާއެކު މަރުހަބާ ދަންނަވާފައިވާއިރު މާދުރީ ދިކްޝިތު އަދި ފިރިމީހާ ޑރ.ޝްރީރާމް ނޭނޭ ވެސް މި ހަފްލާގައި ބައިވެރިވިއެވެ.
“ޗެރިޓީ ގާލާ ޑިނަރ”ގެ ނަމުގައި ބޭއްވި އެންޖީއޯ ޗެރިޓީ ހަފްލާގައި ބައިވެރިވި އިތުރު ތަރިންގެ ތެރޭގައި ޖެކުއަލިން ފެނަންޑެޒް، ޕަރިނީތީ ޗޮޕްރާ، އަދިތީ ރާއޯ ހައިޑަރީ އަދި ސޯފީ ޗޯދަރީ ފާހަގަކޮށްލެވެއެވެ.
ޝާހީ ދެކަނބަލުން އިންޑިއާ އަދި ބޫޓަން އަށް ކުރައްވާ މި ދަތުރުފުޅުގައި މުމްބާއީއަށް ވަޑައިގެން މި ދެކަނބަލުން މަޑުކޮށްފައި ވަނީ ތާޖް ހޮޓެލްގައިއެވެ. އަދި 2008 ވަނަ އަހަރަ ތާޖް ހޮޓެލްސްއަށް ދެވުނު ޓެރަރިސްޓު ހަމަލާގެ ހަނދާންތައް އާކޮށް އެ ހަމަލާގައި ހޮޓެލްގެ ގެސްޓުންނަށް ރައްކާތެރިކަން ފޯރުކޮށްދިން ހޮޓެލްގެ ސްޓާފުންނާ ޕްރިންސް ވިލިއަމް އަދި ކޭޓް ވަނީ ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން އިންޑިއާގެ މަޝްހޫރު ދެ ކްރިކެޓް ކުޅުންތެރިޔާ ސަޗިން އަދި ދިލިޕްއާއި ބައްދަލުކުރައްވައި ކްރިކެޓް މެޗެއް ވަނީ މި ދެކަނބަލުން ބައްލަވާފައިއެވެ. އަދި އެ ބައްދަލުވުމުގައި ސަޗިން އާއިއެކު ދެކަނބަލުން ކްރިކެޓް ކުޅުނެވެ.
ޝާހީ ދެކަނބަލުން އިންޑިއާ އަދި ބޫޓަން އަށް ކުރައްވާ މި ދަތުރުފުޅުގައި އިންޑިއާގައި ޖުލްމަ 7 ދުވަސް މަޑުކުރަން ހަމަޖެހިފައިވާއިރު އިންޑިއާގައި ހުންނަ އާސާރީ ސަރަހައްދުތަކަށް މި ދެކަނބަލުން ޒިޔާރަތް ކުރައްވާނެއެވެ.