ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ރޮނާލްޑޯ ގެ ހެޓްރިކާއެކު ރިއަލް މެޑްރިޑް ސެމީ ޔަޤީން ކުރިއިރު ސިޓީއިން ޗެމްޕިއަންސް ލީގު ސެމީގެ ޖާގައެއް އަލަށް ކަށަވަރުކޮށްފި އެވެ.
ރަށުން ބޭރުގައި ވޫލްފްސްބާގް އަތުން 2-0 އިން ބަލިވެފައި އޮތްއިރު ރޭ ރިއަލް އިން މި މެޗަށް ނުކުތީ ވަރަށް ބޮޑު ޕްރެޝަރަކާއެކީ އެވެ. ނަމަވެސް ކުޅުން ފަށައިގެން ރިއަލް އިން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައިރު ފުރަތަމަ ލަނޑު ޖެހީ މެޗުގެ 16 ވަނަ މިނެޓްގައި ޑެނިއަލް ކަރްވަހާލް ހުރަސްކޮށްލި ބޯޅައަކުން ރޮނާލްޑޯ އެވެ.
އޭގެ އެއް މިނެޓް ފަހުން ޓޯނީ ކުރޫސް ނަގައިދިން ކޯނަރެއްގައި ރޮނާލްޑޯ ވަނީ ބޮލުން ލަނޑެއް ކާމިޔާބުކޮށް އެގްރިގޭޓް ސްކޯރ 2-2 އަށް ބަދަލުކޮށްލާފަ އެވެ.
މި ލަނޑާއެކު ދެ ޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބިފައި ވީ ނަމަވެސް ދެ ޓީމުން ވެސް ވަނީ ގިނަ ފުރުސަތުތަކެއް ބޭކާރުކޮށްލާފަ އެވެ. ރޮނާލްޑޯ އޭނާގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 77 ވަނަ މިނެޓްގައި ލިބުނު ހިލޭ ޖެހުމެއްގަ އެވެ.
މި ލަނޑާއެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގެ އާ ދެ ރެކޯޑެއް ޤާއިމް ކޮށްފަ އެވެ. އެއީ އެއް ސީޒަނެއްގައި ޗެމްޕިއަންސް ލީގުގައި ތިން ހެޓްރިކް ހެދުމުގެ ރިކޯޑްގެ އިތުރުން، ޗެމްޕިއަންސް ލީގުގެ ދެ ސީޒަނެއްގައި 16 ލަނޑު ޖެހުމުގެ ޝަރަފު ހޯދި ކުޅުންތެރިޔާ އަށް ވުމެވެ.
ރޭ ކުޅުނު އަނެއް މެޗުގައި ކެވިން ޑި ބުރުއިން ޖަހައިދިން ހަމައެކަނި ލަނޑާއެކު މެންޗެސްޓަރ ސިޓީއިން ވަނީ 3-2 ގެ އެގްރިގޭޓް ސްކޯރ އަކުން ޕީއެސްޖީގެ މައްޗަށް ކުރިހޯދައި އެ ޓީމުގެ ތާރީޚްގައި މުޅިން އަލަށް ސެމީއަށް ދަތުރުކޮށްފަ އެވެ.
މި މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނެޓްގައި ކެވިން ޑި ބުރުއިން ޖަހާފައިވާއިރު، 30 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއެއް އެގުއޭރޯ ވަނީ ބޭރަށް ޖަހާފަ އެވެ.
މިރޭވެސް ދެވަނަ ލެގުގައި ކުއާޓަރ ގެ ދެ މެޗު ކުޅެވޭއިރު އެތުލެޓިކޯ އަމިއްލަ ދަނޑުގައި ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ. މި މެޗަށް ނުކުންނައިރު ބާސެލޯނާ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ވަނީ 2-1 އިން ކާމިޔާބުކޮށްފަ އެވެ. އަނެއް މެޗުގައި ބަޔާން މިއުނިކު ރަށުން ބޭރުގައި ނުކުންނާނީ ބެންފީކާ އާ ދެކޮޅަށެވެ. މި މެޗުގެ ފުރަތަމަ ލެގު ބަޔާން އިން ކާމިޔާބުކުރީ 1-0 އިންނެވެ. ދެ މެޗުވެސް ފެށޭނީ މާލޭ ގަޑިން 23:45 ގަ އެވެ.