ދިވެހި ބަހުގެ ދުވަސް ކުޅުދުއްފުށީ ހުރިހާ ސްކޫލްތަކެއްގައި ވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަކޮށްފި އެވެ.
މިއަދު ހެނދުނު ފެށިގެން ހުރިހާ ސްކޫލެއްގައިވެސް ވަނީ ސަގާފީ އެކި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި ދަރިވަރުންގެ އިތުރުން ބެލެނިވެރިންނާއި ޓީޗަރުންވެސް ވަނީ އެކި ހުށައެޅުންތަކުގައި ބައިވެރި ވެފަ އެވެ.
އެގޮތުން މިއަދު ހެނދުނު އަފީފުއްދީން ސްކޫލުގައި ވަނީ ދިވެހި ބަހާ ބެހޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދީފަ އެވެ. އަދި ޅެމާ ރައިވަރު ކިޔުމުގެ އިތުރުން ސްޓޭޖް ހަރަކާތްތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތްތަކުގައި އެސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިންވެސް ވަނީ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ.
ހދ އަތޮޅު ތައުލީމީ މަރުކަޒުގައި ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން–ފޮޓޯ: އޭއީސީ
އޭއީސީގައި މިދުވަސް ފާހަގަ ކުރުމަށް ހުރިހާ ގްރޭޑެއްގެ ދަރިވަރުންވަނީ ސްޓޭޖް ހަރަކާތްތައް ދައްކާލާފަ އެވެ. އެގޮތުން ދިވެހި ދުވަހާ ގުޅޭ އެކި ހަރަކާތްތައް ވަނީ ދެ ސެޝަންގެ ދަރިވަރުންވެސް ހުށައަޅާދީފަ އެވެ. އަދި ޖަލާލުއްދީން ސްކޫލުންވަނީ ދިވެހި ދުވަހާ ގުޅިގެން އެސްކޫލްގެ ދަރިވަރުންގެ ޕޯސްޓަރުތަކެއް ދައްކާލާފަ އެވެ.
ޕްރީ ސްކޫލް ކަމަށްވާ އަމީރު އަމީން ސްކޫލްގައި ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން މިއަދު ވަނީ ދިވެހިން ޒަމާނުންސުރެ ކުރަމުން އަންނަ މަސައްކަތްތައް ދައްކާލުމުގެ ގޮތުން ސްޓޯލް ތަކެއް ބަހައްޓާފަ އެވެ. އެގޮތުން ހަނު ދެމުން، ރޯނު ވެށުން، ބޯވަޅު އެޅުން، ފަންގިވިނުން، ހަނޑޫ ކެނޑުން އަދި ވޮށި ފިލާ އަޅާ ގޮތް ދައްކާލުމަށް 6 ޓޯލް ވަނީ ބަހައްޓާފަ އެވެ. އަދި އޭގެ އިތުރުން ކުރީ ޒަމާނުގައި ދިވެހިން ގެންގުޅު ބައެއްތަކެތިވެސް ވަނީ ދަރިވަރުންނަށް ދައްކާލާފަ އެވެ.