ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުރިހާ ސްކޫލެއްގައި ވެސް ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތެއް ކުރިއަށްގެންދިޔަ އެެވެ. އެގޮތުން ދިވެހި ވަންތަކަން ދައްކުވައިދޭ ހެދުންތައް ލައިގެން ސްކޫލަށް ދިއުމާއި، ދިވެހި ބަހާ ގުޅުން ހުރި ބައެއް ކުޅިވަރުތަކާއި ޑްރާމާތައް ކުޅެ ހަދަ އެވެ.
ސްކޫލުތަކުން ފާހަގަކުރާ މިފަދަ ދުވަސްތަކުގައި ރަށްރަށުގައި ކުރީ ޒަމާނުގައި ކުޅުނު ކުޅިވަރުތަކާއި އެންމެ އިހުގެ އާދަކާދަތައް ވަރަށް މަދު ފަހަރަކު ނޫނީ ނުފެނެ އެވެ. އެހެން ކަމުން މިފަދަ ދުވަސްތަކުގެ މުހިއްމުކަން ދަރިވަރުންނަށް ނޭނގެ އެވެ. އަދި ހާސިލް ވާންޖެހޭ ކަންކަން ވެސް އޮންނަނީ ހާސިލުނުވެ އެވެ.
އަފީފުއްދީން ސްކޫލުގެ ހިއްޗަށްވަޑައިގަތުމުގެ ހަރަކާތުގެ ތެރެއިން–ފޮޓޯ: ވާހިދު
މިފަދަ ދުވަސްތައް ފާހަގަކުރުމުގެ އެންމެ މުހިއްމު ބޭނުމަކީ އިހުގެ ކަންތައް ދިރުވައި މިއަދުގެ ޖީލަށް އެކަންތައްތައް ދަސްކޮށްދިނުންކަން ޔަގީނެވެ.
މިގޮތުން ފާއިތުވި ހަފުތާ ތެރޭގައި ރާއްޖޭގެ ސްކޫލުތަކުގައި ފާހަގަކުރި ދިވެހި ބަހުގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި އަފީފުއްދީން ސްކޫލުގެ ކެޑޭޓުން ހުށަހަޅައިދިން “ހިއްޗަށްވަޑައިގަތުން” ވީ އެފަދަ މުނާސަބަތަކާ ވަރަށް ގުޅޭ ހިތްގައިމު ސަގާފީ ކުޅިވަރަކަށެވެ. ހިއްޗަށްވަޑައިގަތުމަކީ ކުޅުދުއްފުށީގައި ވަރަށް ކުރީ ޒަމާނުންސުރެއް މިއަދާ ހަމައަށް ކުޅެމުން އަންނަ ކުޅިވަރެކެވެ.
މިކުޅިވަރުން ދައްކައިދެނީ ކުރީ ޒަމާނުގައި ރަސްގެފާނަކު ރަސްމީ އިއްޒަތުގައި ވަޑައިގަންނައި އެހެން ރަސްގެފާނަކާ ބައްދަލުކުރާ މަންޒަރެވެ.
އަފީފުއްދީން ސްކޫލުގެ ހިއްޗަށްވަޑައިގަތުމުގެ ހަރަކާތުގެ ތެރެއިން–ފޮޓޯ: ވާހިދު
އަފީފުއްދީން ސްކޫލުގެ ކެޑޭޓުންނަށް ހިއްޗަށްވަޑައިގަތުން ދަސްކޮށްދިނުމުގައި އިސްކޮށް އުޅުއްވި އަހުމަދު އަޒްލީމް ބުނީ މިފަދަ ކުޅިވަރެއް އެހާ ޅަ އުމުރުގެ ކުދިންތަކެއް ލައްވައި ކުޅުމުގެ ބޭނުމަކީ އެކުދިންގެ ހިތްތަކުގައި އެކުޅިވަރަށް ލޯބި އިތުރުކުރުން ކަމަށެވެ. އަދި އުވުނަނުދީ ގިނަ ޖީލުތަކަށް އެކުޅިވަރު ދެމިގެންދިއުމުގެ ގޮތުން ކަމަށް އޭނާ ބުންޏެވެ.
އަދި އެފަދަ ދުވަހަކު ހިއްޗަށްވަޑައިގަތުން އެސްކޫލުގައި ދައްކާލުމުގެ ފުރުސަތު ސްކޫލުގެ ދަރިވަރުންނަށް ދިނުމުން އަފީފުއްދީން ސްކޫލުގެ އިސްވެރިންނަށް އޭނާ ޝުކުރުއަދާކުރެއްވި އެވެ.
ކެޑޭޓުން ދައްކާލި ހިއްޗަށްވަޑައިގަތުމުގައި 54 ކެޑޭޓުންވަނީ ބައިވެރިވެފަ އެވެ. އަދި އެހަރަކާތުގައި ގުރޭޑް ދެއަކުން ފެށިގެން ގުރޭޑް 10 ގެ ކެޑޭޓުންވެސް ވަނީ ހަރަކާތެރިވެފަ އެވެ.