ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗެއް ބަލައިލުމަށް ފްރާންސަށް ދިއުމަށް ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާއިން ފަށައިފި އެވެ.
އެގޮތުން 10 އޭޕްރިލް 2016 އިންފެށިގެން ބާޒާރަށް ނެރެފައިވާ، ޔޫރޯ 2016 ގެ ލޭބަލް ޖެހި ކޯކު ފުޅިތަކުގެ ހުދު މަތިގަނޑުގެ ދަށުގައިވާ ޚާއްސަ ކޯޑު 2626 އަށް އެސްއެމްއެސް ކުރުމުން މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
އަންނަ މަހުގެ 29 ވަނަ ދުވަހަށް ކުރިޔަށް ދާ މި ޕްރޮމޯޝަނުގައި އެތަކެއް އިނާމުތަކެއް ދެވޭ އިރު، އެންމެ ޚާއްސަ އިނާމަކީ ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް، އަންނަ ޖޫން މަހު ފެށުމަށް ހެމެޖހިފައިވާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗެއް ބަލައިލުމަށް ދެމީހަކަށް ދެވޭ ދެކޮޅު ޓިކެޓް ކަމަށް އެ ކުންފުނިން ބުނެއެވެ.
މިިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ މި ޕްރޮމޯޝަން ހަ ހަފްތާ ވަންދެން، ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިއެއް ހޮވާ އިރު، ޖުމްލަ ހަ ނަސީބުވެރިންނަށް ދެމީހަކަށް ދެކޮޅު ޓިކެޓު ލިބެ އެވެ. އެހެންކަމުން ޖުމްލަ 12 ފަސިންޖަރުންނަށް ފްރާންސަށް ދެވޭއިރު މި 12 މީހުންނަށް 25 ޖޫންގައި ކުޅެވޭ މުބާރާތުގެ ދެވަނަ ބުރުގެ ދެވަނަ މެޗް ބަލާލެވޭނެއެވެ.
މި ނަސީބުވެރިން ހަތަރު ދުވަހާއި ތިން ރޭ ޕެރިސްގައި ހޭދަ ކުރާ އިރު، ޔޫރޯ މުބާރާތުގެ މެޗު ބަލައިލުމުގެ އިތުރުން ޕެރިހުގެ އެކިއެކި ހިސާބުތައް ބަލައިލަން ގެންދިއުމުގެ އިންތިޒާމު ވެސް ކޮކާ ކޯލާއިން ވަނީ ހަމަޖައްސައިދީފަ އެވެ.
މީގެ އިތުރުން މި ޕްރޮމޯޗަނުގައި ޔޫރޯ މެޗެއް ބަލައިލުމުގެ އިތުރުން ކޮންމެ ހަފްތާއަކު ހޮވޭ ނަސީބުވެރިއަކަށް، ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗުތައް ކުޅޭ އޮރިޖިނަލް ފުޓުބޯޅައެއް ލިބެ އެވެ.
އަދި މިއަދުން ފެށިގެން 29 މޭ އާ ހަމައަށް، ކޮންމެ ދުވަހަކު ހޮވޭ ނަސީބުވެރިއަކަށް 32 އިންޗީގެ އެލްއީޑީ ޓީވީއެއް ލިބޭނެ ކަމަށްވެސް ކޮކާ ކޯލާއިން ބުނެއެވެ.
ފުރަތަމަ ހަފްތާގެ އިނާމާއި ފްރާންސް ޓިކެޓް ހައްގުވާ ފަރާތްތަކުގެ ގުރުއަތުލުން ބާއްވައި އިނާމު ލިބޭ ފަރާތްތަށް މިހާރުވަނީ އަންގާފައެވެ.
ކޮކާ ކޯލާ އިން ވަނީ 2014 ވަނަ އަހަރު ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަނެއްގައިވެސް ބްރެޒިލަށް ގޮސް ވޯލްޑް ކަޕްގެ މެޗެއް ބަލައިލުމުގެ ފުރުސަތު ނަސީބުވެރި ހަ ފަރާތަކަށް ދީފަ އެވެ.