ހދ ނައިވާދޫ ސްކޫލް ގޯތި ތެރެއިން މިނި ކަށި ހުރިކަން ފާހަގަ ކުރެވިގެން ސްކޫލް ގޯތި ތެރެއާއި ސްކޫލް އިމާރާތުގެ ދަށް ކޮނެގެން ކަށިނެގުމުގެ މަސައްކަތް ކުރިއަށް ދާތީ ސްކޫލަށް ދަރިވަރުން ގެންދިއުން ބެލެނިވެރިން މިއަދު ހުއްޓާލައިފި އެވެ.
މައުލޫމާތު ލިބޭގޮތުގައި ސްކޫލް ގޯތި ތެރޭގައި މިނި ކަށި ހުރިތޯ ބަލައި ފާސްކުރަން ފެށީ ރަށުގެ ރައްޔިތުންތަކެއް އެކަމަށް އެދި ޕެޓިޝަނެއް ހުށައެޅުމުންނެވެ.
މި ނޫހަށް މައުލޫމާތު ދެމުން އެރަށުގެ ރައްޔިތަކު ބުނީ ސްކޫލަށް ދަރިިވަރުން ނުފޮނުވާ ބެލެނިވެރިން ހިފެހެއްޓީ ދަރިވަރުންގެ ކިޔެވުމުގެ ގަޑީގައި އެމަސައްކަތް ކުރަމުން ދާތީ ކަމަށާއި އެކަމުގެ ސަބަބުން ކިޔެވުމަށް އުދަނގުވަމުން ދާތީ ކަމަށެވެ.
އެ ސަރަހައްދަކީ ބޮޑު ގަބުރުސްތާނަކަށް ވެފައި މީގެ ކުރިންވެސް އެޑިއުކޭޝަންގައި ދަރިވަރުން ކިޔެވުން އެހެންތަނަކަށް ބަދަލު ކުރުމަށްފަހު ކަށިތައް ނެގުމަށް އެދިފައިވާނެ ކަމަށާއި އެއިރު އެޑިއުކޭޝަނުން ބުނެފައިވަނީ 2016 ގެ ކިޔެވުން ފެށުމުގެ ކުރިން އެމައްސަލަ ހައްލުކޮށްދޭނެ ކަމަށެވެ. އޭގެ އިތުރުން ސްކޫލްގެ އައު އިމާރާތެއް އެޅުމަށް ކައުންސިލުން ބިމެއް ސްކޫލާ ހަވާލުކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެޑިއުކޭޝަނުން ދަރިވަރުންގެ ކިޔެވުން އެހެންތަނަކަށް ބަދަލު ކުރުމަށް އެއްބަސް ވެފައި ނުވާ ކަމަށް ވެސް އެރަށުން މައުލޫމާތު ދެއެެވެ.
އޭގެ އިތުރުން ބެލެނިވެރިންގެ ވަނީ ގަބުރުސްތަނު ކޮނުމަކީ ދީނީގޮތުން ހުއްދަ ކަމަކަސް ނުވާއިރު މިކަން އޮތްގޮތް ބެލެނިވެރިންނަށް ސާފުކޮށްދީފައި ނެތުމުންނާއި، ސްކޫލް ކޮނުމުގެ މަސައްކަތްކުރިއަށް ދާ ވަގުތަކީ ކިޔަވައިދޭ ވަގުތަކަށް ވާތީ ދަރިވަރުންނަށް ނަފްސާނީގޮތުން ގެއްލުން ލިބުންވެ ދަރިވަރުންގެ ޝަކުވާ ލިބޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސްކޫލް ގޯތިތެރެ ކޮނުމުގެ މަސައްކަތް ކުރަމުން ދާތާ ހަފްތާއެއް ވެފައި ވާއިރު ގިނަ އަދަދެއްގެ ކަށި ފެނިފައިވާ ކަމަށާއި މިނިކަށި ނެގުމަށްޓަކައި ނައިވާދޫ ސުކޫލް އިމާރާތުގެ ތަޅުންގަނޑު ވެސް ތަޅާލައިގެން ކޮންނަމުން ދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ބެލެނިވެރިން ކުދިން ސްކޫލަށް ފޮނުވުން ހުއްޓާލާފައި ވަނީ ސްކޫލް މެނޭޖްމެންޓާއި މަޝްވަރާކުރުމަށްފަހު ސުކޫލް ގޯތިތެރެ އާއި ސުކޫލް އިމާރާތުގެ ދަށުން ކަށި ނެގުމުގެ މަސައްކަތް ކުރަމުންދާތީ އެވެ.
87 ދަރިވަރުން ކިޔަވަމުންގެންދާ މި ސްކޫލް އިމާރާތްކޮށްފައި ހުރީ ވަރަށް ކުރީގެ ގަބުުރުސް ތާނެއްގައި ކަމަށް އެރަށު ރައްޔިތުން ބުނެ އެވެ.