ކުމުންދޫ ބަނދަރާބެހޭގޮތުން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުކޮށްދެއްވުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ކުމުންދޫ ކައުންސިލުން އެދިއްޖެއެވެ.
އެގޮތުން ޑރ މުހައްމަދު މުއިއްޒުއަށް ކައުންސިލުން ފޮނުވި ސިޓީއެއްގައި ކުމުންދޫ ބަނދަރުގެ މަރާމާތުގެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެ މަސައްކަތުގެ ތެރެއިން ބަނދަރާދޭތެރޭގައި ރައްޔިތުންގެ
ހުރި ޝަކުވާތައް ނުވަތަ ކަންބޮޑުވުންތަކަށް ސަމާލުކަން ދެއްވައި އެކަންތައްތަކަށް ހައްލެއްގެނެސްދެއްވުމަށް އެދިފަވެއެެވެ.
އެގޮތުން އެ ސިޓީގައި ރައްޔިތުންގެ 6 ކަންބޮޑުވުމެއް ކައުންސިލުން ފާހަގަކޮށްފައިވެއެވެ. އެއީ
– ބަނދަރުގެ ހުޅަނގުފަރާތު ފައިކަށީގައި ޖަހާފައިއޮތް ހިލަތޮށިކުރުވުމުން ކަނޑިންމަ މައްޗަށް ބޮޑެތި ރާޅު ނެގުމުން ކަޑިންމަ ގަދަވެ ވަދެ ނުކުތުމަށް އުނދަގޫވުމުން ފައިކަށީގައި ޖައްސާހިލުތޮށިގަންޑު 30 މީޓަރަށް ބޭރަށް ޖެއްސުން
– ބަނދަރު ހުޅަނގުފަރާތު ފައިކަށީގައި ޖައްސާފައި އޮތް ހިލަތޮށިގަނޑު ބޭރު ތިލަ ވުމުން ކަނޑިންމަ މައްޗަށް ރާޅުބިންދަމުންދިޔުމުގެ ސަބަބުން ކަނޑިންމަ ގަދަވުން އަދި ބަނދަރުތެރެއަށް ބާނި ވަދެ ބަނދަރުތެރެ ގަދަވުމުން އެކަން ހައްލުކުރުމަށް ކަނޑިނަމައިގައި ޖައްސާ ހިލަތޮއްޓާއި ހިސާބަށް ތިލަކޮށް އޮތްބައި ފުންކުރުން
– ބަނދަރުގެ އެއްގަމު ތޮށިގަނޑު ކައިރީގައި ގާއެތުރުމުންދާއިރު ބަނދަރުގެ ދިގުފަރާތުގައި ގާއެތުރުުމުގެ ބަދަލުގައި ފެރީތައްލަފާކޮޅާއި ދިމާލުގައި 10 ފޫޓަށް ގާއެތުރުން
– އަށްދޮށު ޖެޓީކައިރީގައި ފެން ހިންދުމަށް ކާނު ބެހެއްޓުން
– ގާއެތުރުމަށް ބިންގަނޑު އެއްވަރުކޮށް ހަރު ކުރުމަށް ލޯޑަރ އަދި ރޯލަރ ފަދަ ތަކެތި ބޭނުން ނުކޮށް ހަމައެކަނި އެސްކިވޭޓަރުން ފަސްގަނޑު ކަހާލައި ގާ އަތުރައިފި ނަމަ ގާތައް ހަލާކުވުން އެކަށީގެންވާނެތީ އެކަން ހައްލުކުރުން
– އެއްގަމު ޖެޓީގައި ވާއެއްސުމަށް ކުރިން ހަރުކޮށްފައިވާ މޫޓްތައް ބަލިވުމުގެ ސަބަބުން ކަނޑައިގެންގޮސްފައިވާތީ މޫޓްތައް ވަރުގަދަޔަށް އަލުން ހަރުކުރުން
ކައުންސިލުން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ރައްޔިތުންގެ ޝަކުވާތަކަށް ސަމާލުކަންދެއްވައި އެ މަައްސަލަތައް އިތުރަށް ދިރާސާކޮށް އަވަސްހައްލެއް ގެނެސްދިނުމަށް ވަނީ އެދިފައިއެވެ.
ކުމުންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ބަޖެޓުން 12 މިލިޔަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ފެށި ޕްރޮޖެކްޓެކެވެ.