މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުން ފުރާވަރު ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ރެޑީ ކޭމްޕް އިއްޔެ 97 ބައިވެރިންނާއި އެކު ހއ.ހޯރަފުށީގައި ފަށައިފި އެވެ.
3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭޕްމުގައި ހއ. އަތޮޅު މަދަރުސާގެ ސާނަވީ ގްރޭޑްތަކު ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުންނަށް އަމާޒުކޮށް ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށް ޕޮލިހުން މައުލޫމާތު ދެއެވެ.
އެގޮތުން ދަރިވަރުންގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ބެލެނިވެރިކަމުގެ ހުނަރުތައް ތަރައްގީކުރުމުގެ ސެޝަނެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެެވެ.
51 އަންހެން ބައިވެރިނާއި 46 ފިރިހެން ބައިވެރިންނާއި އެކު އިއްޔެ ފެށިގެންދިޔަ މި ކޭމްޕަކީ ޒުވާނުންނާއި ފުރާވަރުގެ ކުދިން ހަރުދަނާބަޔަކަށް ހަދައި، ޒިންމާދާރު ބައެއްގެ ގޮތުގައި ތަރުބިއްޔަރުވެ އިޖުތިމާއީ ކަންކަމުގެ އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ފަރުމާކޮށްފައިވާ ހަރަކާތްތަކާއެކު ކުރިއަށް ގެންދާ ކޭމްޕެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިކޭމްޕުގައި ބައިވެރިވާ ދަރިވަރުންނަށް ރަނގަޅު އަހުލާގާއި ހަރުދަނާ އުސޫލުތަކަށް މަގުފަހި ކުރުމަށް ގިނަ ހަރަކާތްތަކަކާއި ސިފަވަންތަ ދިރިއުޅުމަކަށް ބޭނުންވާ ކަންކަން ނުވަތަ ލިވިންގ ވެލިއުސްގެ ގިނަ ކަންތައްތަކެއް އުގަންނައި ދޭނެއެވެ.
އޭގެ އިތުރުން ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭނެ ކަންތައްތަކުގެ މައުލޫމާތުދީ އެފަދަ ކަންކަން ދަސްކޮށްދިނުމުގެ އިތުރުން ކަންކަމުގައި އިސްނަގައި ހަރަކާތްތެރިވުމަށް ބާރުއަޅައިދޭ ހަރަކާތްތަކާއި، ގައުމީ ލޯބި އިތުރު ކުރުމާއި ގައުމިއްޔަތު ދެމެހެއްޓުމަށާއި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަތަކަށް އަހުލުވެރިކުރުވައި، ގާނޫނާއި ގަވައިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދޭނެއެވެ.
އަދި މުހިއްމު ބައެއް ގާނޫނޫތައް ކަމުގައިވާ އާންމު އިޖްތިމާއީ މިންގަނޑުގެ ގާނޫނާއި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ދަރިވަރުންނަށް ލިބިދެވޭ ރައްކާތެރިކަމާއި ދަރިވަރުން ރައްކާތެރިވާންޖެހޭ މާއްދާތަކަށް އަހުލުވެރި ކުރުމުގެ އިތުރުން ސައިބަ ކްރައިމް އާބެހޭގޮތުންވެސް މިކޭމްޕުގައި ދަރިވަރުންނަށް މައުލޫމާތު ދެވިގެންދާނެ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި ކޭމްޕް ކުރިއަށްގެންދަނީ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓާއި ހއ. ހޯރަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހއ. އަތޮޅު މަދަރުސާއާއި ހއ. ހޯރަފުށި ކައުންސިލްގެ ގުޅިގެންނެވެ.