ހދ ކުމުންދޫގައި އަލަށް އިމާރާތްކޮށް ނިމިފައި ހުުރި މިސްކިތް ނުހުޅުވި ލަސްވަމުންދާތީ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް ކައުންސިލަށް ޕެޓިޝަނެއް ހުށައަޅައިފި އެވެ.
47 މީހުންގެ ސޮޔާއި އެކު އެރަށު ކައުންސިލަށް އިއްޔެ ހުށައަޅާފައިވާ މި ޕެޓިޝަންގައި ބުނެފައި ވަނީ ކުމުންދޫގައި އިމާރާތްކޮށް ނިމިފައިވާ މިސްކިތް ބޭނުން ނުކޮށް ގިނަދުވަސްތަކެއް ވަމުންދާތީ އިމާރާތްތުގައި އިތުރު މައްސަލަތަކެއް ދިމާވެ އިމާރަތުގެ މަރާމާތަށް އިތުރު ހަރަދުތަކެއް ހިނގާފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށާއި އަދި ރައްޔިތުން އެދެނީ މިސްކިތް ހުޅުވައި ވީ އެންމެ އަވަހަށް ބޭނުން ކުރެވެން ފެށުން ކަަމަށެވެ.
އަދި މިސްކިތް ބެލެހެއްޓުމުގެ މަސައްކަތެއް އެއްވެސް ފަރާތަކުން ކުރަމުން ނުދާކަމަށް ބުނެ ރައްޔިތުންވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކުމުންދޫގައި މިހާރު ނަމާދު ކުރަމަށް ބޭނުން ކުރާ މިސްކިތަކީ ފާހަނާ އަދި އިސްކުރު ބަރިއެއްވެސް ނެތް މިސްކިތަކަށް ވާތީ އާއި އަންހެންނުނަށް އެއްޖަމާއަތެއްގައި ނަމާދު ކުރުމަށް ދަތިތަކެއް ދިމާވަމުން އަންނަކަން މި ޕެޓިޝަންގައި ފާހަގަކޮށްފައި ވެއެވެ.
އޭގެ އިތުރުން މި މިކަމަށް އަވަސް ހައްލެ ނުލިބިއްޖެ ނަމަ ރައްޔިތުން ނުކުމެ މިސްކިތް ހުޅުވާނެ ކަމަށްވެސް މި ޕެޓިޝަންގައި ބުނެފައި ވެެއެވެ.
ކުޅުދުއްފުށި އޮންލައިނާ ވާހަކަދައްކަވަމުން ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދު ވިދާޅުވީ މިސްކިތުގެ މަސައްކަތް މިމަހު ކުރީ ހަފްތާތެރޭގައި ނިމިފައިވާ ކަމަށާއި މިސްކިތް ހުޅުވުން ލަސްވަނީ މިނިސްޓްރީ މިސްކިތާ ހަވާލުނުވެގެން ކަމަށެވެ.
އޭނާ ވިދާޅުވީ މިސްކިތާއި ހަވާލުވުމަށް މިނިސްޓްރީގެ ޓީމެއް ކުމުންދޫއަށް އައުމަށް ހަމަޖެހިފައިވީނަމަވެސް އެކި ސަބަބުތަކާއި ހެދި މިނިސްޓްރީގެ ޓީމް އައުން ލަސްވާތީ ހަވާލުނުކުރެވި ލަސްވަނީ ކަމަށެވެ. އަމީން މުހައްމަދު ވިދާޅުވީ މިނިސްޓްރީ މިސްކިތާ ހަވާލުނުވާ ވެގެން އުޅެނީ މިސްކިތުގައި ލައިފައި ހުރި ކުލަގެ ސަބަބުން ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކުމުންދޫގައި އިމާރާތް ކުރި މި މިސްކިތަކީ 2011 ވަނަ އަހަރު ހަދަންފަށާފައިވާ މިސްކިތެކެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ހުއްޓިފައި ހުރުމަށް ފަހު ހަދަން ފެށި މިސްކިތެކެވެ. މިއީ 600 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ޑިޒައިން ކުރެވިފައިވާ މިސްކިތެކެވެ.