ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަހެއްގެ މައްޗަށް 80 ހާހަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދާކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ސިޔާސަތު ތަކާއި، މިނިސްޓްރީތަކުގެ މަސައްކަތް ތަކާ ގުޅޭގޮތުން ގައުމީ ޓީވީ، ޓީވީ މޯލްޑިވްސްއިން އިނގިރޭސިބަހުން ގެނެސްދޭ ޕްރޮގްރާމް، ޓޯކްމޯލްޑިވްސްގެ ރޭގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވިދާޅުވީ، ރީޖަނަލް ހޮސްޕިޓަލް ތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުން ޚިދުމަތް ހޯދާ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ކަމަށެވެ. އަދި މިއީ ރާއްޖެގެ އެންމެދެކުނުގެ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދާމީހުންގެ އަދަދަށްވުރެ ވެސް އިތުރު އަދަދެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަގެ ވާހަކަފުޅުގައި ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަކީ ސަރުކާރުން ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ވަޢުދުވެފައިވާ 2 ހޮސްޕިޓަލް ކަން ފާހަގަ ކުރައްވާފައެވެ. އަދި ސަރުކާރުގެ ސިއްޚީ ދާއިރާގެ އަމާޒަކީ އާބާދީއާއި ޚިދުމަތް ލިބިގަންނަ މީހުންގެ އަދަދަށް ބަލައިގެން ސިއްޚީ ޚިދުމަތް ފުޅާކުރުން ކަމަށް މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.
ސަރުކާރަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވާ ސިއްޚީދާއިރާގެ ކަންކަން ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކާއި، މިހާތަނަށް ކުރެވިފައިހުރި މަސައްކަތްތަކާ ގުޅޭގޮތުންވެސް ރޭގެ ޕްރޮގްރާމްގައި މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތަކީ އަދުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނުނު މުހިންމު އެއް ވަޢުދަށް ވީނަމަވެސް އެމަސައްކަތުގެ އެއްވެސް މިންވަރެއް ހާސިލް ނުވާކަމަށާއި، ދުވަހެއް ދުވަހަކަށް ހޮސްޕިޓަލުގެ ފެންވަރު ދަށަށްދާކަން ހޮސްޕިޓަލުގެ ޚިދުމަތް ލިބިގަންނަ ގިނަބަޔަކު ގެންދަނީ ބުނަމުންނެވެ.
އުތުރުގެ ހަތަރު އަތޮޅުގެ މީހުން ޚިދުމަތް ހޯދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް، މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެތެރޭ ފެށޭނެކަމަށް ސަރުކާރުން ކުރިންބުނެފައިވެއެވެ. އެގޮތުން ސަތޭކަދުވަހަށް ސިއްޚީ ދާއިރާއިން އެކުލަވާލި ލަނޑުދަނޑި ތަކުގެ ތެރޭގައިވެސް މި މަސައްކަތް އޭރު ހިމަނާފައިވެއެވެ. އަދި 2015 ވަނަ އަހަރުގެ ބަޖެޓުގައިވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވެއެވެ.