ހދ ނޮޅިވަރަންފަރުގެ ނަރުދަމާ އަޅާފައިވާ ސަރަހައްދުން ނަރުދަމާގައި މައްސަލަ ޖެހި ރަށުތެރެއަށް ނަޖިސް ބޭރުވާތާ އަހަރަކަށްވުރެ ގިނަދުވަސް ވީއެވެ. ޕަންޕުގެ އެހީގައި ނަޖިސް ބޭރުކުރަން އޮތް ހޮޅިއެއް ފަޅައިގެންގޮސް ރަށުތެރެއަށް ނަޖިސްބޭރުވެ ހުއްޓުމެއް ނެތި ރަށުތެރޭގެ ނަޖިސްފެނުން ތަޣައްޔަރު ވަނީއެވެ. މިކަމުގައި ރަށުގެ ރައްޔިތުން ނުހަނު ކަންބޮޑުވުމެއްގައި ތިބި އިރު މިކަމުގެ ސަބަބުން ރަށުގައި ދިރިއުޅޭ މީހުންނާއި ކުޑަކުދިންގެ ސިއްހީ ހާލަތުވެސް އޮތީ ނުރައްކަލެއްގެ ތެރޭގައެވެ.
މި މައްސަލަ ހައްލުކޮއްދެއްވުމަށް އެދި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އެރަށު ކައުންސިލުން ވަރަށް ގިނަ މަސައްކަތްތަކެއް މިހާތަނަށް ވަނީ ކޮށްފައެވެ. ނަމަވެސް އެކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ އުއްމީދެއް ސަރުކާރުގެ އެއްވެސް ވުޒާރާއަކުން ދީފަފައި ނުވާކަމަށް އެރަށު ކައުންސިލުން ހާމަކުރެއެވެ.
ރަށުކައުންސިލްގެ ރާއީސް ވިދާޅުވީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓާއި އެންވަޔަރމެންޓް މިނިސްޓްރީގެ އިތުރުން ހައުސިންގ މިނިސްޓްރީއަށް ލިޔުން ފޮނުވި ނަމަވެސް އެއްވެސް ތަނަކުން ޖަވާބެއް ނުދެއްވާ ކަމަށެވެ. އަދި އެންވަޔަރމެންޓް މިނިސްޓަރާއި ފޯނުންވެސް ބައްދަލު ނުވާ ކަމަަށާއި، މިނިސްޓްރީ އާއި ގުޅެނީވެސް ވަރަށް އުނދަގުލުން ކަމުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ހަމައެކަނި ނަރުދަމާގެ މައްސަލަައަށް ހައްލެއް ހޯދުމުގައި ކަންތައްތައް މިހެން ގޮސްފައިވާއިރު ދެން އިވިގެން ދިޔައީ ސަރުކާރު ތައްރަގީގެ މައްޝްރޫއުގެ ތެރެއިން މާލޭ ހުޅަނގު ފަރާތުގައި ހަދާފައިވާ އާޓިފިޝަލް ބީޗް “ރަސްފަންނު”ގެ އުތުރުކޮޅުން ވެސްޓް ޕާކާ ދިމާލުން ކަނޑަށް ބާލާފައި އޮތް ނަޖިސް ހޮޅިފަޅައިގެންގޮސް ބީޗަށް ނަޖިސް ބޭރުވެ ތަޣައްޔަރު ވާން ފެށި ކަމުގެ ހަބަރެވެ. އެ މައްސަލަ ދިމާވުމާއެކު ސަރުކާރުގެ ވުޒާރާތަކުގެ ސަމާލުކަމަށް އެކަންތައް އައުމަށް 24 ގަޑިއިރުވެސް ނުނެގި އެވެ. އެމައްސަލަ ހައްލު ކުރުމުގެ ކަންތައްތައް ފެށިގެން ދިޔައެވެ. އަދި މާ ގިނަދުވަސްތަކެއް ނުވެ އެ މައްސަލައަށް ހައްލެއް އައިސް މާލޭ ގައި ދިރިއުޅޭ ރައްޔިތުން އެ މޫދަށް އެރެވޭވަރުވިއެވެ.
ކޮންމެއަކަސް މިއީ ސަރުކާރުން ރާއްޖެތެރެއާ ދޭތެރޭ ވަމުންދާ އިހުމާލުގެ ވަރަށްވެސް ފުރިހަމަ މިސާލެކެވެ. ދަންނަވަން މިއުޅެނީ ރަސްފަންނު ދިމާވި މައްސަލަވެސް ރަނގަޅު ނުކުރާށެކޭ ނޫނެވެ. އެފަދަ ކަމެއް ދިމާވުމުން ރަސްފަންނު ބީޗަށް އެރޭ މީހުންގެ ސިއްހަތައް ނުރައްކާ ވާނެކަން ވެސް ނޭނގޭތިކީއެެއް ނޫނެވެ. ނަމަވެސް އެ މީހުންނެކޭ އެއްފަދައިން ނޮޅިވަރަމްފަރުގައި ވެސް ތިބީ ހަމަ އެފަދަ އިންސާނުންނެއް ނޫންތޯއެވެ؟
ރަސްފަންނު ބީޗު މައްސަލަ ހައްލުވުމަށް ހަފްތާއެއްހާ ދުވަސްވެސް ނުނެގި ނަމަވެސް ނޮޅިވަރަމްފަރުގެ ނަރުދަމާ ނިޒާމު ހަލާކުވެ ނަޖިސްތަކެއް ތެރޭގައި އަހަރެއް ވަންދެން ތިބި ނިކަމެތި ރައްޔިތުންތަކެއްގެ އާދޭސް ސަރަުކާރަށް އިވިވަޑައިނުގަންނަވާ ސަބަބެއް ނުވިސްނުނެވެ. ސަރުކާރުން މިފަދަ ގޮތައް ކަންތައްތައް ކުރަމުންދާއިރު އަތޮޅުތެރޭގެ ރަށްތަކަށް ވަމުންދާ އިހުމާލު ހާމަވާ މިފަދަ ކިތައްމެ ކަމެއް އެބަހުއްޓެވެ.
ނޮޅިވަރަމްފަރު ކައުންސިލްގެ ރައީސް ވިދާޅުވީ ޕެނަލްގައި މައްސަލަޖެހިފައިވާ ކަމަށާއި އޮޓޯއިން މަސަކަތް ނުކުރާ ކަމަށެވެ. އަދި އޮޓޯއިން ޖައްސަން ޖެހުމުން ނަރުދަމާގެ ބުޑުކޮޅުން (ޕްރީ ސްކޫލް ދޮރުމަތިން) ފަޅައިގެން ދިޔައީ ކަމަށް ރައީސް ހާމަ ކުރިއެވެ. އަދި އޭގެ ފަހުންކުއްލިގޮތަކަށް ޕަންޕު ހަލާކުވެގެން ދިޔުމުން ކައުންސިލުން ޕެޓްރޯލް ޕަމްޕެއް ބޭނުން ކުރަމުންދާތާ މިހާރު ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
” ނަރުދަމާގައި އެއްކޮށް މައްސަލަ ޖެހުނު ތާ މިހާރު 2 ހަފްތާއަށް ވުރެ ގިނަ ދުވަސްވީ .ކުރީގައި ވެސް ޕެނަލްގައި މައްސަލަ ޖެހިފައިވަނީ އޮޓޯއިން ނުޖެހޭ، މެނުއަލީ ޖައްސަން ޖެހެނީ. މެނުއަލްކޮށް ޖައްސަން ޖެހުމުގެ ސަބަބުން ނަރުދަމާގެ ބުޑުކޮޅުން (ޕްރީ ސްކޫލް ދޮރުމަތިން) ފަޅައިގެން ދިޔައީ ” ކައުންސިލްގެ ރައީސް މީގެ ކުރިން މި ނޫހަށް ދިން އިންޓަވިއުއެއްގައި ވިދާޅުވިއެވެ.
ނޮޅިވަރަމަފަރުގެ ނަރުދަމާ ނިޒާމު ނުނިމި ލަސްވާން ދިމާވަނީ ކޮންސަބަބަކާ ހުރެ ކީއްވެގެންތޯ ބެލުމަށް މި ނޫހަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ފަރާތުން މައުލޫމާތު ލިބޭގޮތްވަނީ ނުވެފައެވެ.
ސަރުކާރުން އެކި ބޮޑެތި ޕްރޮޖެކްޓްތައް މާލެ ސަރަހައްދުގައި ހިންގަމުން ދާއިރު މިފަދަ ޒަަރޫރީ އަދި މުހިންމު އަސާސީ ކަމެއްގައި އެ މައްސަލަ ހައްލު ނުކުރެވި އަހަރަކަށް ވުރެ ގިނަ ދުވަސްތަކެއްވެ ދުވަސްތައް ފާއިތު ވަމުންދާއިރު ނޮޅިވަރަންފަރުގެ ރައްޔިތުން ތިބީ މަައްސަލައަށް ހައްލެއް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފައިއެވެ. އެފަދަ މައްސަލަތައް ދިމާވާ އަދި އަސާސީ މިންގަނޑަށް ނުފެތޭ ދިރިއުޅުން ތަހައްމަލު ކުރަމުންދާ މީހުން ދިރުއުޅޭ ރަށްތައް ރާއްޖޭގައި ގިނަ އިރު މާލޭ ސަރަހައްދުގައި ބޮޑެތި ޕްރޮޖެކްޓްތައް އިއުލާންކޮށް ފެއްޓެވުމުން އެނގިގެން ދަނީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތަކުގައި “ސަރުކާރަށް ކަހާތަން ހިރުވާވެސް ނުލައި” ކަމެވެ.