ސަރުމީލާ ހަސަން
އަޕަރ ނޯތު ޕޮލިސް ޑިވިޒަންގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅުގައި ފުލުހުންގެ މަސައްކަތް ބެލެހެއްޓުމުގައި އިސްވެ ހަވާލުވެހުންނަވާކޮމާންޑަރެއްގެގޮތުގައިއިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމީ ހަމަޖައްސަވައިފިއެވެ.
ފުލުހުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތުގައާއި ތަހުގީގު ދާއިރާގައި ގިނަ ދުވަސްތަކަކު މަސައްކަތް ކުރައްވާފައިވާ އަހުމަދު ސާމީ ޑިވިޒަން ކޮމާންޑަރަކަށް ހަމަޖައްސަވާފައިވަނީ ކޮމިސަނަރ އޮފް ޕޮލިސް އަޙްމަދު އަރީފް އެވެ.
ޑިވިޒަން ތަކުގެ ޑިވިޒަން ކޮމާންޑަރުންނަކީ އަތޮޅު ތަކުގައި ފުލުހުންގެ ހިދުމަތް ދެމުންދާއިރު އެ ޑިވިޒަނެއްގެ ކަންކަން ދުވަހުން ދުވަހަށް ބައްލަވައި މަސައްކަތަށް ގެންނަންޖެހޭ ބަދަލުތައް ގެންނެވުމަށާއި އޮޕަރޭސަންތައް ހިންގަވައި މައްސަލަތައް ތަހުގީގު ކުރައްވައި ރައްޔިތުންނާއެކު ރައްޔިތުންނާ ގާތުން މަސައްކަތްތައް ރާވައި ހިންގުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ އެންމެ އިސް ފުލުހެވެ. މީގެ އިތުރުން އެ ޑިވިޒަނެއްގެ ކުށުގެ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތްތައް ރާވައި ހިންގައި އިޖުތިމާއީ ހަރަކާތްތަކާއި އެސަރަހައްދެއްގައި ކުރެވޭ އިގްތިސާދީ މަސައްކަތްތަކަށް ފަހި މާހައުލެއް ގާއިމްކޮށް ރައްކާތެރިކަން ކަށަވަރުކޮށް އަމާން މާހައުލެއް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަން ރާވައި ހިންގުމުގައި އެ ޑިވިޒަނެއްގައި އެންމެ އިސް ފުލުހެއްގެ ގޮތުގައި ހުންނަވާނީ ޑިވިޒަން ކޮމާންޑަރެވެ.
އަޕަރ ނޯތު ޕޮލިސް ޑިވިޒަން ކޮމާންޑަރަކަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ސާމީ ހަމަޖެއްސެވުމާއި ގުޅިގެން އަހުމަދު ސާމީ އިއްޔެގެ ވަގުތެއްގައި ވަނީ ޑިވިޒަނަށް ވަޑައިގެންފައެވެ. އަޕަރ ނޯތު ޕޮލިސް ޑިވިޒަންގެ އިދާރީ މައި މަރުކަޒުގެ ގޮތުގައި ހަމަޖައްސާފައިވަނީ ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭސަނެވެ.
އަޕަރ ނޯތު ޕޮލިސް ޑިވިޒަނަށް ކޮމާންޑަރަކު ހަމަޖައްސާފައި މިވަނީ މިހާތަނަށް އެ ޑިވިޒަންގެ ކޮމާންޑަރަކަށް ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލްގެ ޓާމް މުއްދަތު ހަމަވުމާ ގުޅިގެންނެވެ