އިއްޔެ އެމްޕީއެލް ސަރަހައްދުގައި އޮތް ބޯޓަކުން މުދާ ބާލަން އުޅުމުގެ ތެރޭގައި ޒަހަމްވި ހދ ކުޅުދުއްފުށި، ފެހިކުރި އާދަމް އިބްރާހިމްގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް އައިޖީއެމް އެޗް އިން ބުނެފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކާ ހަވާލާދީ ސަން އޮންލައިނުގައި ބުނެފައިވާގޮތުން އާދަމް އިބްރާހިމުގެ ބޮލަށާއި ހަށިގަނޑުގެ ބައެއް ގުނަވަންތަކަށް ގެއްލުން ލިބުނު ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
އާދަމް އިބްރާހިމް ޒަހަމްވެފައި ވަނީ ކަގޯ ބޯޓަކުން އޭނާ މަސައްކަތްކުރި ބޯޓަށް ދަގަނޑު ހޮޅިތަކެއް ލޯޑު ކުރުމަށް އުޅުމުގެ ތެރޭގައި ކެރޭނުގައި އެލުވާހުރި ހޮޅި ބަންޑެލިތައް އެހެން ކޮންޓެއިނާއެއްގައި ޖެހި ކަހާލައިގެން އައިސް އާދަމް ގައިގައި ޖެހި ވިއްސައިގެން ގޮސް ބޯޓުގެ ޑެގުމަތީގައި ޖެހިގެންނެވެ.
އާރުކޭއެލް ކެރިއާރ ކެޕްޓަން އަހުމަދު ނަސީމް ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެމުން ވިދާޅުވީ އޭނާ އޮތީ ވަރަށް ބޮޑަށް ޒަހަމް ވެފައި ކަމަށާއި އެކަން އެހެން މެދުވެރިވީ ކެރޭނުގައި އެވަގުުތު އިން މީހާގެ ބަލަން ވާވަރަށް ނުބެލުމުން ކަމަށް ނަސީމް ފާހަގަކުރެއްވި އެވެ.