ކުޅުދުއްފުށީގެ ގިނަ ގޭބިސީތަކަށް އޭޕްރީލްމަހު އައި ކަރަންޓް ބިލުން އެއްހާސް ރުފިޔާ އާއި ފަސް ސަތޭކަ ރުފިޔާއާއި ދެމެދު ބޮޑު ކަމަށް ގިނަ ގޭބިސީތަކަށް ބުނެފި އެވެ.
އާއްމުކޮށް އަންނަ ކަރަންޓް ބިލަށް ވުރެ އޭޕްރީލްމަހު އައި ކަރަންޓް ބިލުން 1000 ރުފިޔާ ބޮޑުވެފައިވަނީ ވަކި އިތުރަށް ކަރަންޓް ބޭނުންކޮށްގެން ނޫން ކަމަށް ގޭބިސީތަކުން ބުނެ އެވެ.
“އަހަރެމެން ރޫމްގައި ބޭނުން މިކުރަނީ އެންމެ އޭސީ އަކާއި ހޮޅިބުރި އަކާއި ނިދާބޮތްކެއް އަދި ޓީވީއެއް. އެހެންޏާ ބިލަށް މިއަރަނީ 600 ރުފިޔާ ވަރު. އެކަމަކު މިމަހު 1400 ރުފިޔާ އެރި. ހޫނު ގަދައޭ ކިޔާފައިކާއެއް އިތުރަކަށް ކަރަންޓެއް ބޭނުމެއް ނުކުރަން” ކުޅުދުއްފުށީ ރައްޔިތަކު ބުންޏެވެ.
ކަރަންޓް ގިނައިން ބޭނުން ނުކުރާއިރު ކަރަންޓް ބިލަ ބޮޑުވެފައިވާ ސަބަބު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
” ހޫނު ގަދަ މަހެކޭ ކިޔަފަކާއެއް 24 ގަޑިއިރު އޭސީ ޖައްސައިގެން ކޮޓަރިއެއް ނޫން ދޯ މިތިބެނީ އެއް. ހަމަ އެހެން މަސްމަހެކޭ ވެސް އެފަދައިން ކަންތައް ތައް މިކުރަނީ ” އެހެން ރައްޔިތަކުން ބުންޏެވެ.
އާއްމުކޮށް ކަރަންޓް ބިލަށް 1000 ރުފިޔާ އަރާ ބައެއް ގެތަކަށް މިމަހު އައި ބިލަށް އެއްހާސް ރުފިޔާ ވަރު އިތުރަށް އެރިކަށް މިނޫހާ ވާހަކަ ދެއްކި އިތުރު މީހަކު ބުންޏެވެ.
ކަރަންޓް ބިލު ބޮޑުވެގެން އެކަމުގެ ހޫނުގައި ކުޅުދުއްފުށީގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ވެސް ކަންބޮޑުވުންފާޅުކުރަމުންނެވެ.
ކުޅުދުއްފުށީ އޮންލައިނާ ވާހަކަ ދެއްކި މީހަކު ބުނީ މިމަހުގެ ކަރަންޓް ބިލަށް އިތުރަށް 1500 ރުފިޔާ އިތުރުވެފައިވާ ކަމަށާއި މިމަހު ގޭގައި އުޅުނު މީހުންގެ އަދަދުވެސް އެހެން މަސްމަހަށް ވުރެ މަދުވާނެ ކަމަށެވެ. މީހުން މަދުވުން ކަރަންޓް ބިލު ކުޑަވުމުގެ ބަދަލުގައި މިމަހު 2 ގުނަ ބޮޑުވި ކަމަށް އޭނާ ބުންޏެވެ.
ފެނަކާއިގެ ރަސްމީ ބަހެއް މިކަމުގައި އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް އެތަނުގެ މުވައްޒަފެއް ބުނީ މިމަހުގެ ކަރަންޓް ބިލު ބޮޑުވީ ހޫނު ގަދަ މަހަކަށް ވާތީ ކަރަންޓް ބޭނުންކުރާ ވަރު އިތުރުވުމުން ކަމަށެވެ.